ހާރިޖީ ގުޅުންތަކުން މިނިވަންކަން ނުގެއްލޭނެ ކަމުގެ ޔަގީންކަން ދެން: ރައީސް

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

ބައިނަލްއަގުވާމީ މުޖުތަމައުއާ އެކު ހާރިޖީ ގުޅުންތައް ބަދަހިކޮށްގެން ރާއްޖޭގެ މިނިވަންކަން ނުގެއްލޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ހުރިހާ gaއުމުތަކަކާ އެކުވެސް، ހާރިޖީ ގުޅުންތައް ސަރުކާރުން ހަރުދަނާކުރަމުން އަންނަނީ، ވަރަށް މުހިންމު ދެ ކަމެއް ކަށަވަރުކުރަމުން ކަމަށެވެ.

"ފުރަތަމަ ކަމަކީ، ރާއްޖޭގެ އަމިއްލަ މިނިވަންކަމާއި ސިޔާދަތު ފުރިހަމައަށް ރައްކާތެރިކުރުން. ދެވަނަ ކަމަކީ، އެ ގުޅުންތަކުގެ ސަބަބުން، ރައްޔިތުންނަށް ފައިދާއާއި ލާބަ ލިބޭނެކަން ކަށަވަރު ކުރުން. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، މިއަދާ ހަމައަށްވެސް ތަންފީޒުކުރަމުން މި އަންނަނީ މި ސިޔާސަތު. މާތް ﷲގެ ވާގިފުޅާއެކު، ކުރިމަގުގައިވެސް ދަމަހައްޓާނީ ހަމަ މި ސިޔާސަތު." ރައީސް ވިދާޅުވިއެވެ.

މި ސަރުކާރު ފެށުނުއިރު، ރާއްޖެ އޮތީ ބައިނަލްއަގުވާމީ މުޖުތަމައުން ވަރަށް ބޮޑަށް އެކަހެރި ކުރެވިފައި ކަމަށާއި އެކަމުގެ ސަބަބުން، ދިވެހިރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބެންހުރި، އެތައް މަންފާތަކަކާއި، އެތައް އެހީތަކެއް ލިބުމަށް ވަރަށް ބޮޑަށް ހުރަސްއެޅުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު، ސަރުކާރުގެ ހާރިޖީ ގުޅުންތައް ބަދަހިވަމުން، އަންނަ ކަމަށާއި އެކަމުގެ ފައިދާވެސް ދިވެހި ރައްޔިތުންނަށް ލިބެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖެ ވަށައިލިއިރު، ސަރުކާރުގެ ހާރިޖީ ގުޅުންތައް އިއާދަކުރެވި ބަދަހިވެފައިވާކަމީ، މާތް ﷲގެ މަދަދާއެކު، ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ހެޔޮ ނަސީބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނުރައްކާތެރި ބަލިމަޑުކަމުން އަރައިގަތުމުގައި، މިހާތަނަށް ސަރުކާރުން ހޯދިފައިވާ ކުރިއެރުމާއި، ލިބެމުން އަންނަ ކާމިޔާބީގެ އެއް ސަބަބަކީ، ރާއްޖެއާއި ބައިނަލްއަގުވާމީ މުޖުތަމައުއާ ދެމެދު އޮތް ބަދަހި ގުޅުން ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް މިކުރާ މަސައްކަތުގައި، ފަންނީގޮތުންނާއި މާލީގޮތުންވެސް، ބައިނަލްއަގުވާމީ މުޖުތަމައުގެ ވަރަށް ދީލަތި އެހީތަކެއް ލިބެމުން އަންނަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *