ލިބިފައިވާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ވަކީލުންނަށް އުއްތަމަ ފަނޑިޔާރު ގޮވާލައިފި

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ ---

ގާނޫނީ ވަކީލުންނަށް ލިބިފައިވާ އިލްމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އަލަށް ގާނޫނީ ފަންނުގެ ދާއިރާއާ ގުޅިވަޑައިގެންނެވި ވަކީލުންނަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ގޮވާލައްވައިފިއެވެ.

ގިނަ ދުވަސްތަކަކަށްފަހު މިއަދު 277 ގާނޫނީ ވަކީލަކު ވަނީ ވަކީލުކަމުގެ ހުވާކޮށްފައެވެ. އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ވަކީލުން ހުވާކޮށްފައި ވަނި ވަކިވަކި ބެޗުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ހަ ބެޗަކަށް ބަހާލައިގެން ބާ ކައުންސިލުން ވަނީ މި ހުރިހާ ވަކީލުންނަށް ހުވާ ލައިދީފައެވެ. ގާނޫނީ ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުންނަކީ އާ ތަޖުރިބާތަކެއް ކޮށް އާ ކަންކަން ދަސްކުރާ ބަޔަކަށްވާން ޖެހޭ ކަމަށެވެ. ވަކީލުކަމަކީ ވަރަށް ޒިންމާދާރު އަދި ގިނަ ބައެއްގެ މަސްހަލަތު ހިމެނޭ މަސައްކަތްތަކެއް ކުރާ ބައެއްކަން ފާހަގަކުރައްވާ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުންނަކީ ސުލޫކީ މިންގަނޑު ހިފަހައްޓާ އިހުލާސްތެރިކަމާއި ތެދުވެރިކަމާއި އެކު ހިދުމަތް ކޮށްދެއްވަން ޖެހޭނެ ބައެއް ކަމަށެވެ.

"އެންމެން ވަކީލުން ދެކެ ހިތްހަމައެއް ނުޖެހޭނެ. މުޖުތަމައުގެ ތެރޭގައި ވަކީލުންނާ ގުޅޭ ތަފާތު ވާހަކަތައް ދެކެވޭ. ސުލޫކީ މައްސަލަތަކުގެ ވާހަކަތައް ދެކެވޭ. ވަކީލުންނަކީ މުޖުތަމައުގެ ދުޝްމަނުންގެ ގޮތަށް ދޭހަވާ ގޮތަށް ބަހުސް ކުރެވޭ ހާލަތްތައް ހުރޭ. މިއީ އެއްގޮތަކަށްވެސް އާ ކަމެއް ނޫން." އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނީ ވަކީލުކަން ކުރުމަކީ ހައްގެއް ނޫން ކަމަށެވެ. ވަކީލުކަން ކުރުމަކީ ޝަރަފެއް ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ވަކީލުންނަކީ އެމީހުންގެ މުވައްކިލުންނާއި މުޖުތަމައުގެ ތެރެއިން އިހުތިރާމު ލިބިގެންވާ ބައެއް ކަމަށެވެ.

ގާނޫނީ ވަކީލުން ހުވާ ކޮށްފައި މިވަނީ ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް އެ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ވަކީލުންނެވެ.

ބާ ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ ޕްރޮގްރާމު 283 ވަކީލަކު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ބާ ކައުންސިލްގެ އިމްތިހާން 283 ދަރިވަރަކު ފުރިހަމަ ކުރި ނަމަވެސް އެ ތަމްރީން ޕްރޮގްރާމްގައި 321 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ބާކީ ތިބި ދަރިވަރުންނަށް އިމްތިހާންގައި ބައިވެރިވެފައި ނުވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމްގައި ޓެސްޓްގައި އިށީނދެވޭ ވަރަށް އެޓެންޑެންސް ނުލިބުމުން ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *