ދުވަސްތަކަކަށްފަހު ގިނަ އަދަދެއްގެ ވަކީލުން، ވަކީލުކަމުގެ ހުވާކޮށްފި

ވަކީލުން ހުވާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން، ވަކީލުކަމުގެ ހުވާ މިއަދު ކޮށްފިއެވެ.

އޮންލައިންކޮށް ޒޫމް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ވަކީލުން ހުވާކޮށްފައި ވަނި ވަކިވަކި ބެޗުތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ހަ ބެޗަކަށް ބަހާލައިގެން ބާ ކައުންސިލުން ވަނީ މި ހުރިހާ ވަކީލުންނަށް ހުވާ ލައިދީފައެވެ. ގާނޫނީ ވަކީލުންނަށް ހުވާ ލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.

މިއީ ގާނޫނީ ފަންނުގެ ގާނޫނު ވަޖޫދުވި ފަހުން ގާނޫނީ ވަކީލުންތަކެއް ހުވާ ކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މި ބުރުގައި 277 ގާނޫނީ ވަކީލަކު ވަނީ ހުވާ ކޮށްފައެވެ.

ގާނޫނީ ވަކީލުން ހުވާ ކޮށްފައި މިވަނީ ގާނޫނީ ވަކީލުކަމުގެ ހުވައިކުރެވިފައިނުވާ އެންމެހައި ފަރާތްތަކަށް ޚާއްޞަކޮށްގެން އެއް މަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ބާ ކައުންސިލުން އެކުލަވާލައި، ކުރިއަށް ގެންދަންވާނެ ކަމަށް ބަޔާންކޮށް ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކޮށް އެ ޕްރޮގްރާމު ފުރިހަމަ ކޮށްފައިވާ ވަކީލުންނެވެ.

ބާ ކައުންސިލުން ބުނީ އެ ކައުންސިލުން ދޭ ޕްރޮގްރާމު 283 ވަކީލަކު ފުރިހަމަ ކޮށްފައިވާ ކަމަށެވެ. ބާ ކައުންސިލްގެ އިމްތިހާން 283 ދަރިވަރަކު ފުރިހަމަ ކުރި ނަމަވެސް އެ ތަމްރީން ޕްރޮގްރާމްގައި 321 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. ބާކީ ތިބި ދަރިވަރުންނަށް އިމްތިހާންގައި ބައިވެރިވެފައި ނުވަނީ އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ތަމްރީން ޕްރޮގްރާމްގައި ޓެސްޓްގައި އިށީނދެވޭ ވަރަށް އެޓެންޑެންސް ނުލިބުމުން ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ޑްރާފްޓިން އެވެ. އޭގެ އިތުރުން ދިވެހި ބަސް ބޭނުންކުރުމާ ބެހޭގޮތުންވެސް އެ ތަމްރީނު ޕްރޮގްރާމުގައި ކިޔަވައިދޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *