އާބާދީގެ ނިސްބަތުން ހަނގުރާމަތަކަށް އެންމެ ގިނައިން ދަނީ ދިވެހިން: އެންސީޓީސީ

ހަނގުރާމަ އަށް ގޮސް ތިބި ދިވެހިންތަކެއް --

ދުނިޔޭގެ އާބާދީގެ ނިސްބަތަށް ބަލާނަމަށް ހަނގުރާމަތަކުގައި ބައިވެރިވުމަށް އެންމެ ގިނައިން ދަނީ ދިވެހިން ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އިން ބުނެފިއެވެ.

ރޭ ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެންސީޓީސީގެ ޑިރެކްޓަރު ޖެނެރަލް، ބްރިގޭޑިއާ ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ގޮސްފައި ތިބި ދިވެހިންގެ އަދަދަކީ ރާއްޖޭގެ އާބާދީ އަށް ބަލާނަމަ ވަރަށް މަތީ އަދަދެއް ނުވަތަ ޕަސެންޓޭޖެއް ކަމަށެވެ.

ހަނގުރާމަތަކަށް ގޮސް އެނބުރި ރާއްޖެ އައުމަށް ބޭނުންވާ ފަރާތްތައް ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. ނަމަވެސް އެކަން ކުރުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އެކަމާ ގުޅޭ ގިނަ މަސައްކަތްތައް ފޮރިން މިނިސްޓްރީ އާއި ގުޅިގެން ކުރަމުން ގެންދާ ކަމަށް ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

ޒަކަރިއްޔާ ވިދާޅުވީ އެތަނަށް ގޮސްފައި ތިބި ދިވެހި އަންހެނުންނަށް ދަރިން ލިބިފައިވާ ކަމަށާއި އެ އިން ކުއްޖެއްގެ އުފަން ދުވަހުގެ ސެޓްފިކެޓް ނުވަތަ އައިޑެންޓީޓީއެއް ލިބޭނެ ގޮތެއް ވެސް ނެތް ކަމަށެވެ. ނަމަވެސް ރަނގަޅު ސައްހަ ލިސްޓު ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ބޭރުގެ އެކި ގައުމުތަކުގައި ހިނގާ ދާހިލީ ހަނގުރާމަ ތަކުގައި 170 އެއްހާ ދިވެހިން ދަނީ ހަރަކާތްތެރި ވަމުންނެވެ. މީގެތެރެއިން ގިނައީ ސީރިޔާގައި ކުރިޔަށްދާ ހަނގުރާމައިގައި ބައިވެރިވާ މީހުންނެވެ.

ދާދިފަހުން ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހަކު ރާއްޖެ އައިސްފައިވާއިރު އެމީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އަދި މިހާރު އޭނާގެ ބަންދަށް ވަނީ ހަތް ދުވަސް ޖަހައިދީފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.