ގައުމީ ދުވަހު ރައީސް ގައުމާ މުހާތަބު ކުރައްވާނެ

މިނިވަން ދުވަހާއި ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ / ރައީސް އޮފީސް

މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވާނީ ގައުމީ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި ކަމަށެވެ.

ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ، ކޯވިޑް 19 އިގެ ހާލަތާ ގުޅިގެން މިއަހަރު ނުބާއްވަވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ފަސްކުރެއްވުމާ ގުޅިގެން އެ ޖަލްސާގައި ދެއްވަމުން ގެންދަވާ ޤައުމީ އިނާމު ދިނުން ވެސް ވަނީ ފަސްކޮށްފައެވެ.

ރައީސް އޮފީހުން ބުނީ ކޯވިޑުގެ ހާލަތު، ޢާންމު ހާލަތަކަށް ބަދަލުވުމުން، ޤައުމީ އިނާމު ދެއްވުމަށް ޚާއްޞަ ޖަލްސާއެއް ބާއްވާނެ ކަމަށެވެ. އަދި މި ޖަލްސާ ބާއްވާނެ ތާރީޚު ފަހުން އިޢުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. މިދުވަސް ފާހަގަކުރަނީ އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ޒިކުރާ އާކުރުމުގެ ގޮތުންނެވެ.

ދިވެހީންގެ ގައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ 1365 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުއެވެ. އެއީ 4 ފެބްރުއަރީ 1946 ގައެވެ. އޭގެ ކުރިން ގައުމީ ދުވަހުގެ ނަން ލިބިގެން ވަކި ދުވަހެއް ދިވެހީން ފާހަގަ ކުރަމުން ގެނެސްފައެއް ނުވެއެވެ. މިހެނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތި ކަމަކަށް ފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވީ 981 ވަނަ އަހަރުގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ވިލޭރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *