އިސްލާމީ ޝަރީއާ ކިޔަވައިގެން ވަކާލާތު ނުކުރެވޭތީ ސަލަފް ކަންބޮޑުވެއްޖެ

ޖަމިއްޔަތުއް ސަލަފް އިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ސަން

އިސްލާމީ ޝަރީަތް ކިޔަވާފައި ތިބޭ ފަރާތްތަކަށް ގާނޫނީ ވަކީލުކަމާއި ކޯޓުތަކުގެ ފަނޑިޔާރުކަން ނުކުރެވޭތީ ދީނީ ޖަމިއްޔާއެއް ކަމަށް ޖަމިއްޔަތުއް ސަލަފް އިން ކަންބޮޑުވުންފާޅު ކޮށްފިއެވެ.

އެ ޖަމިއްޔާ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ދައުލަތުގެ މުއައްސަސާތަކުން އެކަށައަޅާ ގާނޫނާއި ގަވާއިދުން؛ އިސްލާމީވަންތަ ކަމާއި، އިސްލާމީ ޝަރީއަތާ އެކީ އެކަށް ގުޅުން ކަނޑާލުމަށް މަކަރުވެރި ރޭވުންތައް ރާވަމުން އަންނަ ކަމަށެވެ. އެކަމަކީ އިސްލާމީ ބިންތަކަށް އިސްލާމްދީނާ އަދާވާތްތެރި ދައުލަތްތަކުން އަތްގަދަކޮށް، އެމީހުންގެ ވެރިކަން އެބިންތަކުގައި ގާއިމުކުރި ދުވަހުން ފެށިގެންވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ސަލަފުން ބުނީ އެއީ ތައުލީމީ ދާއިރާއިން ދީނީ ޝަރުއީ އިލްމު ފުހެލުމަށް ކުރަމުންގެންދާ މަސައްކަތްތަކެއް ކަމަށެވެ. އަދި ޝަރުއީ ދާއިރާއިން މުސްލިމު ފިގުހުވެރިންނާއި، ޝަރުއީ ފަނޑިޔާރުން އެކަހެރިކޮށް ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުން ސާބިތުވާ ހުކުމްފުޅުތަކުގެ އަސަރު އިސްލާމީ މުޖުތަމަޢުތަކުން ނައްތާލުމަށް ކޮށްފައިވާ ހަޑިމުޑުދާރު މަސައްކަތެެއް ކަމަށް އެ ބަޔާނުގައިވެއެވެ.

ކުރިއަށް މިދާ ފިކުރީ ހަނގުރާމަގައި، އެބައިމީހުން ދަނީ މުސްލިމް ގައުމުތަކުގައި ފަހަރަކު ހަރުފަތެއް ގިރާކުރަމުން ކަމަށާއި މާޒީގައި ކަނޑިއާއި ބަޑި ބޭނުންކޮށްގެން އެކަން ކުރަމުން އަންނައިރު މިއަދު އެމީހުން ތަރުބިއްޔަތުކޮށްފައިވާ އޭޖެންޓުންނާއި، ގޮނޑިކޮއްކޮ ސަރުކާރުތަކާއި، މުސްލިމުންގެ ތެރޭގައި ތިބެ ދީނާއި ގައުމަށް ޣައްދާރުވާ، މިނިވަންކަމުގެ އަގުވަޒަން ކުރަން ނުދަންނަ، މަދު ބަޔަކު މެދުވެރިކޮށް އެކަން އެބައިމީހުން ކުރަމުން އަންނަ ކަމަށް ސަލަފުގެ ބަޔާނުގައި ބުނެފައިވެއެވެ.

މަޝްހޫރު ޖާމިޢުލްއަޒްހަރުން ކިޔަވައިގެން ނިކުމެވަޑައިގަންވާ އިލްމުވެރިންނަށް މަގާމުތަކަށް ނާދެވޭ ގޮތް ހަދައި، ވިލާތާއި އެނޫން ކަރަކަރައިން ކާފިރުންގެ އުނގުން އެދުރުވެގެން އަންނަ ފަރާތްތަކަށް ދައުލަތުގެ މަތީ މަގާމުތަކާއި ޝަރުއީ ދާއިރާއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ނަތީޖާ ގާހިރާއިންނާއި އިސްކަންދަރިއްޔާއިން މިއަދު ހަމަލޮލަށް ފެންނަމުންދާ ކަމަށް ސަލަފުގެ ބަޔާނުގައިވެއެވެ.

"ތާރީހަކީ ތަކުރާރުވާ އެއްޗަކަށްވެފައި، ދިވެހިރާއްޖެގައި ދާދި މިދާކަށް ދުވަހު ބާ ކައުންސިލެއް އުފައްދައި އަދި އެކަމަށް ހާއްސަ ގާނޫނީ ފަންނުވެރިކަމުގެ ބިލެއް ރައްޔިތުންގެ މަޖްލީހުން ފާސްކޮށްފައިވާ އިރު، މިއަދު ދިވެހިރާއްޖޭގެ ކޯޓުތަކުގައި މިވަނީ ހަމަ އެކަނި އިސްލާމިކް ލޯ ނުވަތަ ޝަރީއާ ކިޔަވާފައިވާ އިލްމުވެރިން ބާކީކޮށްލުމުގެ މަކަރުވެރި ސިލްސިލާ ތަންފީޒު ކުރަން ފަށާފައެވެ. އެހެންކަމުން މި އަމަލަކީ ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމުން ދީނީ އިލްމު އުގެނިވަޑައިގެން ތިއްބަވާ ހުރިހާ އިލްމުވެރިން ދުރުކޮށް ފޭކުރުމަށް މާކުރިން ރޭވިގެން ހިންގާ ލާދީނީ އެޖެންޑާގެ ކުޑަ މިންވަރެއް ކަމަށް މިޖަމިއްޔާ އިން ޔަގީންކޮށްދެމެވެ." ބަޔާނުގައިވެއެވެ.

ސަލަފުން ވަނީ މިކަމަށް އެންމެހާ ދިވެހި ރައްޔިތުން ސަމާލުވެ ހޭއެރުމަށް ގޮވާލައިފައެވެ. ސަލަފުން މިފަދައިން ބުނެފައި މިވަނީ ރާއްޖޭގައި ވަކާލާތުކުރުމުގެ ހުއްދަ ދެވޭނީ ގާނޫނީ ދާއިރާއިން ނުވަތަ ގާނޫނާއި ޝަރީއަތުގެ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ މީހުންނަށް އެކަނި ކަމުގައި ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައިވާތީ ގިނަ އިލްމުވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *