މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވޭ ވަގުތު އިތުރުކޮށްފި

މާލޭގެ މަގު މަތީގައި ފުލުހުން ހަރަކާތްތެރިވަނީ -- ރޭގަނޑު 11 އިން ފަތިހު 4 އަށް އެއްގަމު އުޅަނދު ދުއްވުން ވަނީ މަނާކޮށްފައި: ފޮޓޯ / ހަތާވީސް އޮންލައިން

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައި އޮތް ވަގުތަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބަދަލު ގެނެސްފިއެވެ.

އެގޮތުން މީގެކުރިން ވަނީ ރޭގަނޑު 20:00 އިން ފެށިގެން ފަތިހު 5:00 އާއި ހަމައަށް އެއްގަމު އުޅަނދު ނުދުއްވޭނެ ކަމަށް އެޗްޕީއޭ އިން އެންގިއެވެ. ނަމަވެސް އެ އެންގުން މުރާޖާ ކުރުމަށްފަހު އެޗްޕީއޭ އިން ބުނީ ރޭގަނޑު 22:00 އާއި ހަމައަށް އުޅަނދު ދުއްވޭނެ ކަމަށެވެ.
ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވައި އެޗްޕީއޭ އިން މިރޭ ނެރުނު އެންގުމެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި މަގުމަތީގައި ހިނގާބިނގާވެ، ވެހިކަލް ދުއްވުން، ރޭގަނޑު 11:00އިން ފަތިހު 4:00އަށް މަނާވާނެ ކަމަށެވެ. އިތުރު ލުއިތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ހިންގާ ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަން ވެސް ރޭގަނޑު 10:30 ވަންދެން ދެން ހިންގޭނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ވަކި ވަގުތެއް ވަންދެން އުޅަނދު ދުއްވުން މަނާ ކުރަން އެޗްޕީއޭ އިން ނިންމީ މާލެ ސަރަހައްދުން ކޮވިޑް19 ގެ ކޭސްތައް އިތުރުވަމުން ދާތީއެވެ. އަދި ފިޔަވަޅުތައް ހަރުކަށިކޮށް ބޭރަށް ނިކުންނަ ނަމަ މާސްކު އެޅުންވެސް މަޖުބޫރު ކުރުވިއެވެ.

މާސްކު ނާޅާ އުޅޭ ފަރާތްތަކާއި މަނާ ވަގުތުތަކުގައި އުޅަނދު ދުއްވުމާއި މަގުތަކަށް ނިކުންނަ ފަރާތްތައް ކަމާބެހޭ އިދާރާތަކުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *