އެލައިޑުން ޔޮޓް ޓުއާސް އަށް 22 މިލިއަން ޑޮލަރު ދެއްކުން ފަސްކުރަން އަމުރު ނެރެފި

ހައި ކޯޓް-

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް 22.78 މިލިއަން ޑޮލަރު (351 މިލިއަން ރުފިޔާ) ދެއްކުން ފަސް ކޮށްދިނުމަށް އެލައިޑުގެ ފަރާތުން ހައިކޯޓުގައި އެދުނު ގޮތަށް އެފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ނެރެފިއެވެ.

އެލައިޑުން ހައިކޯޓުގައި އެގޮތަށް އެދުނީ އެފައިސާ ދައްކައިފި ކަމަށްވާ ނަމަ، އެލައިޑްގެ ވިޔަފާރިއަށް ބުރޫއަރައި، ހުއްޓިދާނެކަމުގެ ބިރު އޮތަތީއެވެ. މި ފައިސާ އަކީ ޖާބިރުގެ ރިސޯޓެއް ކަމަށްވާ ހއ. އަލިދޫ ރިސޯޓަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެލައިޑާ ދެކޮޅަށް ޔޮޓް ޓުއާސް އިން ސިވިލް ކޯޓަށް ހުށައެޅި މައްސަލާގައި އެލައިޑުގެ މައްޗަށް ހަމަސް ތެރޭގައި ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމެކެވެ. އެ ހުކުމްގައި ބުނީ މަހަކަށް 3.7 މިލިއަން ޑޮލަރު (57 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށެވެ.

އެލައިޑުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން މިއަދު ބޭއްވި އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމެއް ބޭއްވީ މި މަހުގެ 11ވަނަ ދުވަހުއެވެ. އެދުވަހު އެލައިޑުން އެދުނީ އެފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރެއް ނެރެ ދިނުމަށެވެ.

މިފަދަ އަމުރެއް ނެރެދިނުމަށް އެލައިޑުން ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރޭގައި ޙުކުމް ތަންފީޛު ކުރުމުގެ ގޮތުން އެލައިޑްގެ އެންމެހައި އެކައުންޓްތައް ފްރީޒްކުރުމުގެ އަމުރެއް ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރާ ސެކްޝަނުން ނެރުއްވައިފި ނަމަ، އެލައިޑްގެ ހުރިހާ ބޭންކް އެކައުންޓްތަކެއް ފްރީޒް ކުރާނެ ކަމާއި، އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އެލައިޑްގެ އެތައް ކަސްޓަމަރުންނަކަށް ދެމުން ގެންދާ ހިދުމަތްތަކަށް ބުރޫއަރައި އެކަސްޓަމަރުންގެ ހައްގުތަކަށް އުނިކަން ލިބުން ހިމެނެއެވެ.

ސިވިލް ކޯޓުގެ ޙުކުމާ އެއްގޮތަށް ޔޮޓް ޓުއަރސްއަށް ފައިސާ ދައްކަންޖެހި، އެފައިސާ ދައްކާފައިވަނިކޮށް، އިސްތިއުނާފު ކުރެވިފައިވާ މައްސަލަ އެލައިޑްއާއި އެއްކޮޅަށް ނިމޭ ހާލަތުގައި، އެފައިސާ ޔޮޓް ޓުއަރސްގެ ފަރާތުން އެލައިޑަށް އަނބުރާ ނު ލިބުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަން އެލައިޑުން ވަނީ ފާހަގަކޮށްފައެވެ.

ހައިކޯޓުން ބުނީ އިސްތިއުނާފު ކުރެވިފައިވާ މައްސަލަ އެލައިޑާ އެއްކޮޅަށް ނިމޭ ހާލަތުގައި، ހުކުމް ތަންފީޒު ކުރެވި، ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކުރާ 22.78 މިލިއަން ޑޮލަރު ޔޮޓް ޓުއަރސްގެ ފަރާތުން އަނބުރާ އެލައިޑަށް ނުލިބުމުގެ ފުރުސަތު އިންތިހާއަށް ބޮޑުކަމަށް ބުނާ ނުކުތާއަށް ބަލާއިރު، އިސްތިއުނާފުން
މައްސަލަ ބަލައި ނިމޭއިރު، ހައިކޯޓުން ކުރާ ހުކުމާއި އެއްގޮތަށް އަމަލު ކުރަންޖެހޭ ހާލަތެއްގައި ޔޮޓް ޓުއަރސްއަށް އެ ހުކުމާއި އެއްގޮތަށް އަމަލު ނުކުރެވޭނަމަ، އެހުކުމް ވެގެންދާނީ އަގެއް ނެތް ނުވަތަ މުހިންމު ކަމެއް ނެތް ހުކުމަކަށް ކަމަށެވެ.

އެނުކުތާއާއި ގުޅިގެން، ޔޮޓް ޓުއަރސްގެ ފަރާތުން ވަކި އެއްޗެއް ބުނެފައެއް ނެތެވެ. އެހެންކަމުން ހައިކޯޓުން ބުނީ އެފަދަ ހާލަތެއްގައި ބުރަ ވެވެނީ އެލައިޑުން އެދިފައިވާ ފަދަ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް އެކޯޓުން ނެރެން ޖެހޭނެ ކަމަށް ކަމަށެވެ.

އެހެންކަމުން ހައިކޯޓުން ވަނީ އެކޯޓަށް އެލައިންޑުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ އަށް ގޮތެއް ކަނޑައަޅައި ނިމެންދެން ހުކުމް ތަންފީޒު ކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސިވިލް ކޯޓުގެ މައްޗަށް އަމުރު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *