މަނާ މައުލޫމާތެއް ޕީޖީގެ މުވައްޒަފަކަށް މަޖިލީހުގައި ހާމަކުރެވުމުން ޝަމީމް މައާފަށް އެދިއްޖެ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ ---

ގާނޫނުގައި ހާމަ ކުރުމަށް މަނާ ކޮށްފައިވާ މައުލޫމާތެއް ރައްޔިތުން މަޖިލީހުން އިއްޔެ ލައިވްކޮށްގެން ކުރިޔަށް ގެންދިޔަ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީގައި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުގެ މުވައްޒަފަކު ހާމަކުރި މައްސަލާގައި ޕީޖީ ޝަމީމް މައާފަށް އެދިއްޖެއެވެ.

އިއްޔެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ޖިންސީ ކުށުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހާއި ގުޅޭ މަސައްކަތް ކުރިޔަށް ގެންގޮސްފައެވެ. އެއީ ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ޖެހޭ ގޮތަށް ޖިންސީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހެކެވެ.

އެ އިސްލާހަށް ޕީޖީ އޮފީހުގެ ހިޔާލު ހޯދާފައިވާއިރު އެ އޮފީހުން އިއްޔެގެ ކޮމެޓީ އަށް ހާޒިރުވެވަޑައިގަތީ އެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ފާތިމަތު ނަބާހާއެވެ. އިއްޔެގެ ކޮމެޓީގައި ނަބާހާ ވަނީ އެ އޮފީހާއި ތަހުގީގީ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ މައްސަލައެއް މިސާލެއްގެ ގޮތުގައި ކިޔައިދެއްވާފައެވެ. އޭނާ ވަނީ އެ މައްސަލާގައި ހިމެނޭ ކުޑަކުއްޖާގެ މައުލޫމާތުތައް ހާމަކޮށްފައެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ހ):

ރޭޕް ކުރުމުގެ ކުށުގެ ނުވަތަ ޖިންސީ އަނިޔާގެ ކުށުގެ ނުވަތަ ޖިންސީ ގޯނާގެ ކުށުގެ ތަހުގީގެއްގެ ނުވަތަ ޝަރީއަތެއްގެ ވާހަކަ މީޑީއާގެ އެއްވެސް ވަސީލަތެއްގައި ބަޔާން ކުރުމުގެ ނުވަތަ ޝާއިއު ކުރުމުގައި އެ ކުށުގެ ޝިކާރައަކަށްވީ މީހަކީ ކާކުކަން ދެނެގަނެވިދާނެ އެއްވެސް މައުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ހާމަކުރުމަކީ މި ގާނޫނު ހުއްދަ ކުރާ ކަމެއް ނޫނެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 59 ވަނަ މާއްދާގެ (ށ):

މި މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ އުސޫލާ ހިލާފަށް އަމަލުކުރާ ފަރާތެއްގެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ބާރު ވަޒީރަށް ލިބިގެންވެއެވެ. އަދި އެފަދަ ކަމެއް ކުރިކަމަށް ސާބިތުވާހިނދު އަދި އެފަދަ ކަމެއް ސާބިތު ވެއްޖެ ނަމަ 10،000 ރުފިޔާ އާއި 15،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ.

މިކަމާއި ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިއްޔެ މަޖިލީހުގައި ޕީޖީގެ މުވައްޒަފަކަށް ދެކެވުނު ވާހަކައަށް އާއްމުންގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ކަމަށެވެ. އަދި އެފަދަ ކަމެއް ދެވަނަ ފަހަރު ތަކުރާރުވިޔަ ނުދިއުމަށް ކަންކަން އިންތިޒާމު ކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *