ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ތިން އަހަރުގެ ކުލި މައާފުކޮށްދީފި

އއ. ތޮއްޑޫ: ޕޮޒިޓްވީ 9 އަހަރުގެ އަންހެން ކުއްޖެއް-- ފޮޓޯ/ އަހުމަދު ޝަރުވާން

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި، ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރައީސް ސޯލިހު ވިދާޅުވީ ދަނޑުވެރިކަމަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަކީ، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ތަންފީޒުކުރަމުން އަންނަ ސިޔާސަތެއް ކަމަށެވެ. ރައީސް ވަނީ މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި، އެއްވެސް ކުއްޔެއް ނުނެގުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރައްވާފައެވެ.

ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން، މީގެ ކުރިން ނަގަމުން އައި އިމްޕޯޓް ޑިއުޓީވެސް، ސަރުކާރުގެ ވައުދާ އެއްގޮތަށް، މިހާރު ކަނޑާލައިފައިވާ ކަމަށާއި އަދި މިދިޔަ އަހަރުން ފެށިގެން، އެސްޑީއެފްސީ މެދުވެރިކޮށް، ދަނޑުވެރިކަމަށް ސަރުކާރުން ލޯނު ދޫކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، ދަނޑުވެރިންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި، ތަމްރީނު ޕްރޮގްރާމްތައް އިތުރުކޮށް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި، ފަންނީ މައުލޫމާތު ފެތުރުމުގެ މަސައްކަތް އިތުރަށް ފުޅާކުރެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި އަހަރުގެ ދަނޑުވެރިންގެ ދުވަހުގެ ޝިޢާރެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވަނީ "ފަރުދީ ދަނޑުވެރިކަން – ކާނާގެ ޔަޤންކަން" މި ޝިޢާރު ކަމަށާއި ރާއްޖެއާއި މުޅި ދުނިޔެ މިހާރު ކުރިމަތިލާން ޖެހިފައިވާ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ކުރެވޭ ތަޖުރިބާތަކުންވެސް، މި ޝިޢާރާ އެއްގޮތަށް، މުޅި ޤައުމު އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން ބޮޑުކަން އެނގިގެންދާ ކަމަށެވެ.

އަދި ޤައުމެއްގެ ފުދުންތެރިކަމާއި އަމިއްލަވަންތަކަން ކަށަވަރުވެގެންދާނީ، އެ ޤައުމަކީ ކާބޯތަކެތީގެ ޔަޤީންކަން ލިބިފައިވާ ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ވެގެން ކަމަށާއި އެހެންކަމުން، ސަރުކާރުގެ ސިޔާސަތު ބިނާވެފައިވަނީ، ގައުމަށް މެދުވެރިވާ ކޮންމެ ހާލަތެއްގައިވެސް، މި ޔަގީންކަން ރައްޔިތުންނަށް ލިބިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *