ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރުމަށް އާރަށް ކަނޑައަޅައިފި

ކޮރޯނާއަށް ޝައްކު ކުރެވޭ މީހުން ކަރަންޓީނު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ރީޓްރީޓެއްގެ ގޮތުގައި ބޭނުން ކުރާ، ކ. އާރަށް ކަނޑައަޅައިފިއެވެ.  އާރަށަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކަށް ހާއްސަ ކޮށްފައިވާ ރަށެކެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އާރަށް ހަމަޖެއްސެވީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު އާރަށް އޮތީވެސް އެފަދަ ހާލަތެއްގައި ބޭނުންކުރެވޭނެ ގޮތަށް ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި އާރަށް ކަނޑައެޅީ މިހާރު ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ކ. ފުނަދޫއަކީ ވަޒީފާ އަދާ ކުރާ އެތައް ބަޔަކު އުޅެމުން އަންނަ ތަަނަކަށް ވާތީ އެތަނުގައި ތިބި މުވައްޒަފުން ބިރުވެރި ކަމަކަށް ހުށަހެޅުމަށް ނުދިއުމަށްޓަކައި ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ރައްޔިތެއްގެ ކަންބޮޑުވުމަކީވެސް މި ސަރުކާރަށް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި ވަކިން ހާއްސަކޮށް މިފަދަ ހައްސާސް މައްސަލަތަކުގައި ސަރުކާރުން އަހާނީ ރައްޔިތުންގެ ބަސް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

އާރަށުގެ އިތުރުން ހުޅުމާލެ ކައިރީގައި އޮންނަ ފަރުކޮޅުފުށި ވެސް ކޮރޯނާ ވައިރަހަށް ޝައްކުވާ މީހުންނަށް ކްލިނިކަލް ފަރުވާ ދޭނެ ތަނެއްގެ ގޮތުގައި ހަމަޖެއްސުމުގެ މަސައްކަތްވެސް ސަރުކާރުން ގެންދަނީ ކުރަމުންނެވެ.

ކޮރޯނާއަށް ތިން ދިވެއްސަކު ޝައްކުވި ނަމަވެސް ރޭ ހެލްތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވެފައިވަނީ މީގެކުރިން ފެނުނު އެއްވެސް އަލާމާތެއް މިހާރު އެ ތިން މީހުންގެ ކިބައިން ނުފެންނަ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.