ދީބާޖާ އިން ބުނީ ހުކުމް މުރާޖާ ނުކުރެވޭނެ ކަމަށް

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތް --

ދީބާޖާ އިންވެސްޓްމަންޓްއަށް ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސުޕްރީމް ކޯޓުން މީގެ ކުރިން ކޮށްފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށާއި އެހެންކަމުން އެ ހުކުމް އަލުން ސުޕްރީމް ކޯޓުގައި މުރާޖާ ނުކުރެވޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ދައުލަތުން ވަނީ އެ މައްސަލަ އަލުން މުރާޖާ ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. އަދި މިއަދު އެ މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ އަޑުއެހުމެއް ބާއްވާފައެވެ.

ދީބާޖާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ކުންފުންޏެކެވެ. ދީބާޖާ އަށް ބަދަލު ދޭން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން 2018 ވަނަ އަހަރު ބާތިލްކުރިއެވެ. އެކަމަކު ހައި ކޯޓުން އެ މައްސަލަ ބަލައިގަނެފައި އޮތީ އިސްތިއުނާފް މުއްދަތު ހަމަވިފަހުން ކަމަށް ވާތީ ސުޕްރީމް ކޯޓުން ވަނީ ހައި ކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމް ދަމަހައްޓައިފައެވެ.

އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުންވެސް އެކޯޓުންވެސް ނިންމީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެހެންކަމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށެވެ.

އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި ދޭން ޖެހޭ ފައިސާ، 348.10 މިލިއަން ރުފިޔާގެ ތެރެއިން ތިން ބައިކުޅަ އެއްބައަށްވާ، 116 މިލިއަން ރުފިޔާ ދެއްކުމަށް ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅުއެވެ. ނަމަވެސް ދައުލަތާ، ދީބާޖާ އާ ދައުލަތާ އެކު ކުރެވުނު ސެޓްލްމެންޓް މަޝްވަރާތަކަށްފަހު އެ ކުންފުނިން އެދުނީ 174 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ހޯދުމަށެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައި ވަނީ އެކުންފުންޏަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މީގެކުރިން ބުނީ މި މައްސަލާގައި އާއްމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ސުޕްރީމް ކޯޓަށް ރިވިއު ކުރުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ.

މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ހުކުމް މުރާޖައާ ކުރަން އެދޭ ސަބަބުތައް ބަޔާން ކުރަމުން ދައުލަތުން ބުނީ ސުޕްރީމް ކޯޓުން ކުރިން ކުރި ހުކުމަކީ ގާނޫނު އުސޫލުތަކުގެ ތެރެއިން އަމަލުކޮށްގެން ނެރެފައިވާ ހުކުމަކަށް ނުވުމާއި ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި އަދަދު ގެނެފައިވާ ގޮތް ކަށަވަރު ވާނެ ލިޔެކިއުމެއް ނެތް ކަމަށެވެ.

ދައުލަތުން އެދުނީ މައްސަލައިގައި ސުޕްރީމް ކޯޓުން އިޖުރާއީ ގޮތުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށާއި، މައްސަލަ އަލުން ބަލައި މުރާޖައާކޮށްދިނުމަށެވެ. އަދި މައުޟޫއީ ގޮތުން ގޮތެއް ކަނޑައަޅާނަމަ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްދިނުމަށް ދައުލަތުން އެދުނެވެ.

ނަމަވެސް ދީބާޖާއިން ބުނީ މި މައްސަލައަކީ ތިން މަރުހަލާގައި ނިމި ސުޕްރީމް ކޯޓުގައި ނިހާއީ ހުކުމެއް އިއްވައި ނިމިފައިވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން މި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަނެވޭނެ ކަމަށް ވެސް ގަބޫލު ނުކުރާ ކަމަށްވެސް ދީބާޖާއިން މިއަދު ބުންޏެވެ. ދިވެހި ދައުލަތުގެ ސްޓޭންޑަކީ އެއް ފަހަރު އެއް ގޮތަށް އޮވެފައި އަނެއް ފަހަރު އަނެއް ގޮތަށް އޮންނަ ސްޓޭންޑަކަށް ވެގެން ނުވާނެ، ކަމަށްވެސް ދީބާޖާގެ ވަކީލުން ފާހަގަކުރެއްވިއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ހުކުމަކީ ދައުލަތުން މީގެ ކުރިން ބަލައިގެންފައިވާ ހުކުމެއް ކަމަށް ފާހަގަކޮށް ދީބާޖާގެ ވަކީލުން ވަނީ ކޯޓުން ބޭރުން މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަން ޝަރީއަތުގައި ވެސް ދައުލަތުން މީގެކުރިން ބުނެފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *