މައާފުކުރައްވާ، ގާނޫނު އަސާސީ އޮތް ގޮތުން ޖޭއެސްސީން އިސްތިއުފާ ދެވޭކަށް ނެތް: ނަޝީދު

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

ގާނޫނުއަސާސީ އޮތް ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިސްތިއުފާ ދެވެން ނެތް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު ފަރާތްތަކުން ވަނީ ނަޝީދު ޖޭއެސްސީ އިން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. އަދި ވިދާޅުވީ ޖޭއެސްސީގައި ރައީސް ނަޝީދު އިންނަވައިގެން ސިޔާސީ އިދިކޮޅު ފަރާތްތަކަށް ޝަރުއީ ދާއިރާއިން އިންސާފު ނުލިބޭނެ ކަމަށެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ނަޝީދު ވަނީ މެންބަރުންގެ އަރިހުން މައާފަށް އެދިވަޑައިގެންފައެވެ. އަދި ވިދާޅުވީ ގާނޫނުއަސާސީ އޮތް ގޮތުން އެ މަގާމުން އެމަނިކުފާނަށް އިސްތިއުފާ ދެވެން ނެތް ކަމަށެވެ.

އެ ކޮމިޝަނުގައި އެމަނިކުފާނު ހުންނެވިހާ ދުވަހަކު މަސައްކަތްޕުޅު ކުރައްވާނީ އިހުލާސްތެރި ކަމާއެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ އެ މަގާމުގައި ހުންނަވައިގެން އަނިޔާވެރިކަން އިސް ނުކުރައްވާނެކަން ޔަގީން ކޮށްދެއްވާފައެވެ.

މިހާރު ގާނޫނު އަސާސީގައި ބުނާ ގޮތުން، ޖޭއެސްސީގައި މަޖިލީހުގެ ރައީސްއާއި، މަޖިލީހުގެ މެންބަރަކާއި، އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސް ކަނޑައަޅާ މެންބަރަކާއި، ބަންޑާރަ ނައިބު އިންނަވަން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ހައި ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ވަކީލުންގެ ތެރެއިން އިންތިހާބު ކުރެވޭ ވަކީލަކު އިންނަވަން ޖެހެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *