ވެންޓިލޭޓަރު މައްސަލަ: އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

ހެލްތް މިނިސްޓަރިު އަމީން/ ފޮޓޯ- ހެލްތް މިނިސްޓްރީ

ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއެކު 11 މީހެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފޮނުވައިފިއެވެ.

ވެންޓިލޭޓަރު މައްސަލާގައި އޭސީސީ އިން ތަހުގީގު ފަށާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 14ވަނަ ދުވަހުއެވެ. އޭސީސީ އިން ބުނީ މި މައްސަލަ އަކީ އެ ކޮމިޝަނުން ހާއްސަ އިސްކަމެއް ދީގެން، އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށްފައިވާ މައްސަލައެއް ކަމަށެވެ.

އެގޮތުން، މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެ ކޮމިޝަންގެ ތެރެއިން ހަތަރު އިންވެސްޓިގޭޓަރުން ހިމެނޭ ހާއްސަ ތަހުގީގު ޓީމެއް އެކުލަވާލައިގެން، ތަހުގީގު ކުރިއަށް ގެންގޮސްފައިވާއިރު، މިދިޔަ އޮގަސްޓު މަހުގެ 22ވަނަ ދުވަހުން ފެށިގެން ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، މޯލްޑިވްސް ޕޮލިސް ސާވިސްގެ ތިން  އިންވެސްޓިގޭޓަރުން މި މައްސަލަ ތަހުގީގު މަސައްކަތުގައި ބައިވެރިވެފައިވާ ކަމަށް އޭސީސީ އިން ބުންޏެވެ.

މި މައްސަލައިގައި އަމީންގެ އިތުރުން ދެން ދައުވާކުރަން ފޮނުވީ ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ބިޑް ކޮމެޓީގެ ޗެއާރ ނިޝާމާ މުހައްމަދާއި ބިޑު ކޮމިޓީގެ ދެ މެމްބަރަކާއި، މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ނައުޝާދު އަލީ އާއި މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ (ފައިނޭންސް އެގްޒެކްޓިވް) އަޙްމަދު އަސްލަމް އާއި މިނިސްޓްރީ އޮފް ހެލްތްގެ ޑެޕިއުޓީ މިނިސްޓަރ، ޝިޔާމާ މުޙައްމަދު އާއި މިނިސްޓްރީ އޮފް ހެލްތުގެ ލީގަލް އޮފިސަރ، ޢަލީ ޝިހާމް އާއި މިނިސްޓްރީ އޮފް ހެލްތުގެ އެސިސްޓެންޓް ޑައިރެކްޓަރ، ޢަބްދުﷲ ޙަފީޡް އާއި ހެލްތުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ، ޙުސައިން ނިޔާޒް އާއި މިނިސްޓްރީ އޮފް ހެލްތުގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޢަބްދުﷲ ޝަރީފްގެ މައްޗަށެވެ.

ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ، މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ.

ނަމަވެސް، ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" އާ އެކު ހެދި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 ޕަސެންޓު ކަމުގައިވާ 30،9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހެލްތު މިނިސްޓްރީން ހޯދާފައި ނުވާ ކަމަށެވެ.

ތިންލައްކައަށްވުރެ ގިނަ ގިނަ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ލިބިފައިވަނީ އެންމެ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެ މައްސަލައިގެ ތަހުގީގެއް ހިންގުމަށް ރައީސް ވިދާޅުވުމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވަނީ މަސައްކަތުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފައެވެ. އަދި ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީގެ މެންބަރުން ވަނީ ސަސްޕެންޑު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *