ވެންޓިލޭޓަރު މައްސަލާގައި ދައުވާ ކުރަން ޕީޖީ އަށް ފޮނުވައިފި

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އެ މިނިސްޓްރީގެ ބިޑު ކޮމެޓީ ހާޒިރުކޮށްފައި: ފޮޓޯ / ހަތާވީސް

ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފިއެވެ.

މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވި ނަމަވެސް ދައުވާ ކުރަން ފޮނުވާފައި ވަނީ ކޮން ބަޔަކަށް ކަމަކަށް އޭސީސީ އިން ހާމައެއް ނުކުރެއެވެ.

އޭސީސީ އިން މި މައްސަލާގައި ދައުވާ ކުރަން ފޮނުވިއިރު ހެލްތު މިނިސްޓްރީން ކޮވިޑް19 އާއި ގުޅިގެން ކޮށްފައިވާ މަސައްކަތްތަކުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރެފައިވާ ރިޕޯޓުން ވެސް ވަނީ ފާހަގަވެފައެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އަދި ފުލުހުންނަށް އަންގާފައެވެ.

ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏާ ހަވާލުކުރިއިރު ގެރެންޓީއަކާއި ނުލާ އެޑްވާންސް ޕޭމަންޓެއްގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވަނީ، މަސައްކަތްކޮށްދޭ ފަރާތަށް ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތަށް ނުވަތަ ތަކެތި ފޯރުކޮށްދޭ ފަރާތަށް އެޑްވާންސް ފައިސާ ދޭނަމަ، އެ ފަރާތަކުން އެ އެޑްވާންސް ޕޭމަންޓާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދަންޖެހޭނެ ކަމަށެވެ.

ނަމަވެސް، ވެންޓިލޭޓަރުތައް ފޯރުކޮށްދިނުމަށް "އެގްޒެކިއުޓާރސް ޖެނެރަލް ޓްރޭޑިންގް" އާ އެކު ހެދި އެއްބަސްވުމުގެ ދަށުން، މިނިސްޓްރީ އޮފް ހެލްތުން މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދައާއެކު، ދެ ފަހަރެއްގެ މަތިން އެ ޕްރޮޖެކްޓްގެ އަގުގެ ޖުމްލަ 90 ޕަސެންޓު ކަމުގައިވާ 30،9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދައްކާފައި ވާއިރު، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވާގޮތުގެ މަތީން އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހެލްތު މިނިސްޓްރީން ހޯދާފައި ނުވާ ކަމަށެވެ.

ތިންލައްކައަށްވުރެ ގިނަ ގިނަ ޕާރސަނަލް ޕްރޮޓެކްޓިވް އިކްއިޕްމަންޓްސް (ޕީޕީއީ) ހޯދުމަށް 32 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށާއި އެހެންނަމަވެސް ލިބިފައިވަނީ އެންމެ 2،000 ސާޖިކަލް ކެޕް އެކަނި ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެއެވެ.

އެ މައްސަލައިގެ ތަހުގީގެއް ހިންގުމަށް ރައީސް ވިދާޅުވުމުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ވަނީ މަސައްކަތުން އަމިއްލަފުޅަށް އެކަހެރިވެވަޑައިގެންފައެވެ. އަދި ހެލްތު މިނިސްޓްރީގެ ބިޑު ކޮމެޓީގެ މެންބަރުން ވަނީ ސަސްޕެންޑު ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *