ދަރަނީގެ މައްސަލާގައި ކުރީގެ ލީޑާޝިޕަށް ޑީއާރްޕީ އިން ދައުވާ ކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ޑީއާރްޕީ އެންމެ ފުރަތަމަ އުފެއްދެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން --

ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސިޔާސީ ޕާޓީތަކުގެ ތެރޭގައި ހިމެނޭ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ދަރަނީގެ މައްސަލާގައި ކުރީގެ ލީޑާޝިޕަށް ދައުވާ ކުރަން އެޕާޓީގެ މިހާރުގެ ލީޑާޝިޕުން ނިންމައިފިއެވެ.

މިއަދު އެޕާޓީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޕާޓީގެ އޭރުގެ ޒައީމް، ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ޕާޓީ ދޫކޮށް ދިޔައީ މެމްބަރުންގެ ބޮލުގައި ދަރަނި އަޅުވާފައި ކަމަށެވެ. އެ ދަރަންޏަށް އެ ބޭފުޅުން ޒިންމާކުރުުވަން ދައުވާކުރާނެ ކަމަށާއި އެކަމުގައި ގޮތެއް ނިންމަންދެން ބިލްތައް ދެއްކުން ހުއްޓާލައިފާ ކަމަށް ވެސް ޓްވީޓްގައި އެޕާޓީން ބުންޏެވެ.

އެފަދަ ބޭފުޅުން އެމްއާރްއެމްގެ ނަމުގައި ޕާޓީއެއް ހަދައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކޯލިޝަނުގައި ބައިވެރިިކޮށްގެން އުޅޭ އުޅުން ޑީއާރްޕީ އިން ވަނީ ކުށްވެރިކޮށްފައެވެ.

އެޕާޓީ އިން މިފަދައިން ބުނެފައި މިވަނީ 2007ވަނަ އަހަރު ޑީއާރްޕީ އިން ކޮށްފައިވާ ދަތުރުތަކަކަށް 24،000 އަށް ވުރެ ގިނަ ޑޮލަރު ހޯދަން ސަންލޭންޑް ޓްރެވެލްސްް އިން އެޕާޓީ އަށް ބިލު ކޮށްފައި ވަނިކޮށެވެ.

ޑީއާރްޕީ އަކީ ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވާ އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީއެވެ. ނަމަވެސް އޭރު ޖެހުނު މައްސަލަތަކަކާއި ގުޅިގެން ޑީއާރްޕީ ބައިބައިވެ ޕީޕީއެމްގެ ނަމުގައި ޕާޓީއެއް ރައީސް މައުމޫން އުފެއްދެވިއެވެ. އަދި ޑީއާރްޕީ އޭރު ލީޑު ކުރެއްވީ ތަސްމީނު އަލީ އާއި މިހާރުގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ނަމަވެސް އެބޭފުޅުންވެސް ފަހުން އެޕާޓީ އިން ވަކިވެ އެމްޑީޕީ އާއި ގުޅިވަޑައިގަތީއެވެ. ފަހުން އެޕާޓީ ލީޑު ކުރެއްވީ މުހައްމަދު ނަޝީދު (ކާލަން ނަޝީދު)އެވެ. ނަމަވެސް މިހާރު އެމަނިކުފާނުވެސް ވަނީ ޕީޕީއެމް އާއި ގުޅިވަޑައިގެންފައެވެ. ޑީއާރްޕީގެ މިހާރުގެ ލީޑަރަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.

Leave a Reply

Your email address will not be published. Required fields are marked *