ނުހައްގު މުއްސަނދިކަން ކުށަކަށް ހަދާ ބިލު ބަލައިގެންފި

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް/ ފޮޓޮ- ރައްޔިތުންގެ މަޖިލިސް

ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި ކޮރަޕްޝަންގެ އިތުރު ކުށްތައް ހިމެނުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު މިއަދުގެ ރައްޔިތުން މަޖިލިސް ޖަލްސާގައި ބަލައިގެންފިއެވެ.

ބިލު ބަލައިގަތުމަށް ފާސްވީ، 53 ވޯޓުންނެވެ. އެ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީ އަށް ވަނީ ފޮނުވާފައެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖެވެ. އެ އިސްލާހުގައި ބުނެފައި ވަނީ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ހުރެ އެމީހަކަށް ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމެއް ނުވަތަ މުއްސަނދި ކަމެއް ގާއިމް ކުރުމަކީ ކުށެއް ކަމަށެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އޭނާއަށް ލިބިފައިވާ މުއްސަނދި ކަމަކީ ގާނޫނީގޮތުން ހުއްދަކޮށްފައިވާ ގޮތުގެމަތިން ހޯދާފައިވާ ނުވަތަ ލިބިފައިވާ މުއްސަނދި ކަމެއްކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށެވެ. މީގެއިތުރުން އޭނާއާ އާއިލީ ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް އެ މުދަލެއް ލިބިފައިވަނީ ގާނޫނު ހުއްދަކުރާ ގޮތުގެމަތިންކަން ސާބިތު ކޮށްދޭން ޖެހޭނެ ކަމަށާއި އެކަން ސާބިތު ކޮށް ނުދީފި ނަމަ އެ ކުރެވެނީ ގާނޫނީ ކުށެއް ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

މި ކުށް ކުރި ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ ފަނޑިޔާރަކު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނަމަ އެ ބޭފުޅަކު އެ ކުރައްވަނީ ޖިނާއަތުގެ ދެވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެ ކުށުގެ އަދަބަކީ އެންމެ ގިނަވަގެން 15 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

ދައުލަތުގެ ވަޒީފާއެއްގައި ހުރެ އެފަދަ ކުށެއް ކޮށްފި މީހެއް ނުވަތަ މުވައްޒަފެއް އެކުރަނީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެކެވެ. އެމީހެއްގެ ނުވަތަ އެ މުވައްޒަފެއްގެ އަދަބަކީ 8 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *