މިއީ ވެރިކަމުގެ ނިޒާމު ބަދަލުކުރަންވީ ވަގުތެއް ނޫން: ނަޝީދު

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

މިއީ ރާއްޖޭގައި މިވަގުތު އޮތް ވެރިިކަމުގެ ނިޒާމު ބަދަލު ކުރަންވީ ވަގުތެއް ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅާފައިވާ އިސްލާހާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ވާހަކަ އަކީ ހުދު އެމަނިކުފާނު ވެސް އަބަދުވެސް ދައްކަވާ ވާހަކައެއް ކަމަށެވެ. ނަމަވެސް ޖާބިރު ހުށަހެޅުއްވި އިސްލާހަކީ އެބާވަތުގެ އިސްލާހެއް ނޫން ކަމަށް ވިދާޅުވިއެވެ.

"ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވަނީ ކުޑަކޮށްވެސް އެ ބާވަތުގެ އިސްލާހެއްވެސް ނޫން. އަދި އެމަގަށް ދިއުމަށް ބަހުސެއް ފަށަންވީ ވަގުތު ކަމަކަށްވެސް އަޅުގަނޑު ނުދެކެން މިވަގުތަކީ" ނަޝީދު ވިދާޅުވިއެވެ.

ޖާބިރު ހުށަހެޅުއްވި ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގައި ބުނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއް ކަމަށް ކަނޑައެޅިފައިވީ ނަމަވެސް ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ވެރިކަންކުރާ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ކަނޑައަޅައި ބަޔާންކޮށްފައި ނުވާ ކަމަށެވެ.

އަދި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުތަކުގެ މައްޗަށާއި، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާލާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ ބަރުލަމާނީ ނިޒާމުގެ ސިފަތަކުގެ މައްޗަށް ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *