ސަފާރީ ރޭޕް ކޭސް: ބަޔާނަށް ބަދަލު ގެނައި ވާހަކަ ފުލުހުން ދޮގުކޮށްފި

ފުލުހުންގެ ދިދަ --

ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި 27 އަހަރުގެ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލާގައި އަނިޔާވި ބިދޭސީ އަންހެން މީހާ ފުލުހުން ދީފައިވާ ބަޔާނަށް ބަދަލު ގެނެސްފައިވާ ކަމަށްބުނެ ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ބަޔާނަށް ބަދަލުތައް ގެންނަން މަސައްކަތް ކުރާ ކަމަށް ބުނެ މިއަދު ސޯޝަލް މީޑިއާގައި ވީޑިއޯ އެއް ލީކުވިއެވެ. އެ ވީޑިއޯ ލީކުކޮށްލީ އަނިޔާވި އަންހެން މީހާގެ ވަކީލު ޝަފިއްޔާ ރިޒާއެވެ. ބަންޑާރަ ނާއިބު އޮފީހުގައި މީގެކުރިން މަސައްކަތް ކޮށްފައިވާ ޝަފިއްޔާ ވަނީ އެކަމާއި ގުޅިގެން ފުލުހުންނަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

އެކަމާއި ގުޅިގެން ފުލުހުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ފުލުހުން ބުނެފައިވަނީ ފުލުހުން ކުރާ މަސައްކަތަކާއި މެދު ޝަކުވާއެއް އޮތްނަމަ އެފަދަ ކަންކަން ބެލުމަށް ހަމަޖެހިފައިވާ ނިޒާމުގެ ބޭނުން ކުރުމެއް ނެތި އަނިޔާ ލިބޭ ފަރާތްތަކުގެ މައުލޫމާތު އެގޮތަަށް އާންމުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ ފުލުހުންނަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލުމަށް ކޮށްފައިވާ ކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު ދައުރުވަމުންދާ ވީޑިއޯ އަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ވިކްޓިމްގެ ފަރާތުން ވަކާލާތު ކުރުމަށް ގާނޫނީ ވަކީލުން އައްޔަންވުމަށްފަހު، ކުރިން ތަހުގީގަށް ދީފައިވާ ބަޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް، އިތުރު މައުލޫމާތު ހިމެނުމަށް ބޭނުންވާތީ ވިކްޓިމް އާއި އަލުން އިންޓަވިއު ކުރުމަށް އެދި ވިކްޓިމްގެ ގާނޫނީ ވަކީލުން ލިޔުމުން ހުށަހެޅުމުން ގާނޫނީ ވަކީލުންގެ ހާޒިރުގައި ކުރެވުނު އިންޓަވިއުއެއްގެ ފަހުގައި ދެވަނަ ފަހަރަށް އިންޓަވިއު ފެށުމާ ދޭތެރޭ ތަހުގީގު ކުރި ފަރާތްތަކުން ބަޔާނުން އިސްލާކުރުމަށް ހުށަހެޅުނު ކަންކަމާ މެދު މަޝްވަރާ ކުރުމަށް ދެކެވުނު ވާހަކަތަކެއް ކަމަށް ފުލުހުން ބުނެއެވެ.

މީގެއިތުރުން މި އިންޓަވިއު އަށް ވިކްޓިމްގެ ގާނޫނީ ވަކީލުންނަށް އެކްސެސް ދީފައިވަނީ ތަހުގީގުގެ ބޭނުމަށް ކަމަށްވާއިރު، އިންޓަވިއުގައި ހިމެނިފައިވާ މައްސަލައިގައި ވިކްޓިމް އާއި މެދު ހިންގާފައިވާ އަމަލުތަކުގެ މައުލޫމާތު ހާމަވާނެހެން މުޖުތަމައުގެ ތެރެއަށް މިގޮތަށް ވީޑިއޯ ދޫކޮށްލުމަކީ ވިކްޓިމްގެ ހައްގުތަކަށް އުނިކަން ލިބޭނެ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

އާންމުކޮށްފައިވާ ވީޑިއޯ އަކީ އެ މައްސަލައާ ގުޅިގެން އެ އަންހެން މީހާ އާއި ސްކައިޕް މެދުވެރިކޮށް ކުރެވިފައިވާ އިންޓަވިއު ރެކޯޑިން އަކަށްފަހު، ވިކްޓިމް ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަޔާން ޑްރާފްޓް ކުރުމުގެ މަރުހަލާގައި ތަހުގީގު ކުރި ފަރާތްތަކުގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއްގެ ވީޑިއޯ ކްލިޕެއް ކަމަށެވެ.

އަދި މިއީ ވިކްޓިމްގެ ބަޔާނަށް އުނި އިތުރު ގެނައުމަށް ކޮށްފައިވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ވިކްޓިމްގެ ވަކީލުން ސޯޝަލް މީޑިއާގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ކަމުގެ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ އަނިޔާ ލިބުނު ފަރާތުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވެއެވެ. ފުލުހުން ބުނީ މައްސަލަ ނިމޭ ގޮތަކަށް ބަލާ އެކަމުގައި ފިޔަވަޅު އަޅާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *