ތިލަމާލެ ބުްރިޖް އެޅުމަށް އިންޑިއާއިން 400 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ލޯނު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ސަން

މާލެ، ވިލިމާލެ، ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖުގެ މަސައްކަތަށް އިންޑިއާ އިން ދޭ 400 މިލިއަން ޑޮލަރުގެ ލޯނުގެ އެއްބަސްވުމުގައި ރާއްޖެއާ އިންޑިއާގެ އެގްޒިމް ބޭންކުން މިއަދު ސޮއިކޮށްފިއެވެ.

"ގްރޭޓަ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި ކުރިއަށްގެންދާ އެ މަޝްރޫގައި ސޮއިކޮށްފައިވަނީ މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ބޭންކްގެ ޖެނެރަލް މެނޭޖަރ ނިމްރިތް ވެޑް ކަމަށް ފިނޭންސް މިނިސްޓްރީއިން މަޢުލޫމާތު ދެއެވެ.

އެ މިނިސްޓްރީން ބުނީ އެ މަޝްރޫއު ހިންގާނެ ކޮންޓްރެކްޓަރެއް ހޯދުމަށް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ބައިނަލްއަގުވާމީ ޓެންޑަރިންއަށް ހުޅުވާލާނެ ކަމަށާއި ޑިސެމްބަރު މަހު ބުރިޖް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މިއަދު ސޮއި ކުރި އެއްބަސްވުމާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިންޑިއާއިން ލޯނުގެ ގޮތުގައި ދިން 400 މިލިއަން ޑޮލަރުގެ އިތުރުން ހިލޭ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ. އިންޑިއާއިން ދިން 400 މިިލިއަން ޑޮލަރުގެ ލޯނަކީ 1.7 ޕަސެންޓްގެ އިންޓަރެސްޓާއެކު ފަސް އަހަރުގެ ގްރޮސް ޕީރިއަޑެއް ހިމެނޭ ގޮތަށް 20 އަހަރުން އަހަރުން އަނބުރާ ދައްކަންޖެހޭ ލޯނެކެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.

Leave a Reply

Your email address will not be published. Required fields are marked *