ޗައިނާ އެފްޓީއޭ އަކީ އިގްތިސޯދަށް ފައިދާ ކުރާނެ އެއްބަސްވުމެއް ނޫން: ފައްޔާޒު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ / ހަތާވީސް އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއާ އެކު އެކުލަވާލި މިނިވަން ވިޔަފާރި އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސޯދަށް ފައިދާ ކުރާނެ އެއްބަސްވުމެއް ނޫން ކަމަށާއި އެ އެއްބަސްވުން މިހާރު އޮތް ގޮތަށް އަމަލު ނުކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރާއްޖެ އިން ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުން ރާއްޖޭގެ އިގުތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ މިނިވަން ވިޔަފާރީގެ އެއްބަސްވުން އަލުން ރިވިއު ކުރުން ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ.

އެ އެއްބަސްވުމުގައި ހުރި ބައެއް ކަންކަން ރަނގަޅު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ޖުމްލަ ގޮތެއްގައި އެ އެއްބަސްވުމަކީ އިގްތިސޯދަށް ފައިދާ ކުރާނެ އެއްބަސްވުމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރިން ފަށާފައި ހުރި ވިޔަފާރިތައް އަލުން ފައްޓާނެ ޖާގައެއް އޭރަކުން ނޯންނާނެ. އެހެންވެ އޭގައި އޮތް ގޮތަށް މިހާރު ކުރިއަށް ގެންދިއުން އެއީ އަޅުގަނޑު އިގުތިސާދީ މިނިސްޓަރަކަށް ހުރެ ކުރިއަށް ގެންދާނެ ކަމެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ އެ އެއްބަސްވުމަކީ ސޮއިކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށާއި އެ އެއްބަސްވުމުގައި ރާއްޖޭގެ އިގްތިސާދަށް ގެއްލުން ކުރާނެ ކަންކަން އެބަހުރި ކަމަށެވެ. އަދި މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދިންއިރު އެ އެއްބަސްވުން ބަލާލަން ވެސް ލިބުނީ ގަޑިއެއްހާއިރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ފްރީ ޓްރޭޑް އެގްރީމަންޓަކީ އެއްގޮތަކަށްވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫން. އޭގަ ރަނގަޅު ކަންތައްތަކެއްވެސް އެބަހުރި އިނގޭތޯ. ކޮންމެ ކަމެއްގަވެސް ހުންނާނެ ރަނގަޅާއި ގޯހާއި" ފައްޔާޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *