8 މަސްވީއިރުވެސް އަދުހަމް އަށް ވަކީލަކު ހަމައެއް ނުޖެހުނު، މިއަދުގެ ޝަރީއަތްވެސް ކެންސަލް

ގާސިމް މަރާލި އަދްހަމް/ ފޮޓޯ: ހަތާވީސް

ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމަށް އިއުތިރާފުވުމަށް ފަހު، ފަހުން އެކަމަށް އިންކާރުކޮށްފައިވާ މުހައްމަދު އަދުހަމްގެ ޝަރީއަތެއް 8 މަސް ދުވަސް ފަހުން މިއަދު ބޭއްވި ނަމަވެސް އަދުހަމް އަށް ވަކީލަކު ހަމަޖެހިފައި ނުވާތީ ޝަރީއަތް ކެންސަލް ކޮށްފިއެވެ.

ގާސިމް މަރާލީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް މީގެ ކުރިން އިއުތިރާފުވެފައިވެއެވެ.

ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ. އެންމެ ފުރަތަމަ މި މައްސަލާގައި ބޭއްވި ޝަރީއަތުގައި އަދުހަމް ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި އަދުހަމްގެ އާއިލާގެ ކިބައިން މައާފަށް ވެސް އެދުނެވެ. އެހެންނަމަވެސް ފަހުން އަދުހަމް ވަނީ އެ ދައުވާ އަށް އިންކާރުކޮށްފައެވެ.
ދައުލަތުން އަދުހަމަށް ކުރާ ދައުވާ ސާފުކޮށްދިނުމުން އަދުހަމް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި ބުނީ އޭނާ އެއްވެސް މީހަކު ގަސްދުގައި މަރާލާފައި ނުވާނެ ކަމަށެވެ. އަދި ގާސިމް ހަސަންގެ މަރަކީ އޭނާ ދެނަހުރި ކަމެއްވެސް ނޫން ކަމަށް އަދުހަމް ބުންޏެވެ. އޭނާ ބުނީ އެންމެ ފުރަތަމަ ބޭއްވި ޝަރީއަތުގައި އޭނާ ދައުވާއަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށްވެސް އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފުލުހުން އޭނާ ކޯޓަށް ހާޒިރުކުރީ މަސްތުވާތަކެތި ދީގެން ކަމަށެވެ. ނަމަވެސް އަދުހަމްގެ އެ ވާހަކަތައް ފުލުހުން ދޮގު ކުރިއެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ވަކީލަކު ހަމަޖައްސަން ދިން ފުރުސަތުގައި އެކަން ނުކުރެވުނީ ކީއްވެގެންތޯ ސުވާލުކޮށްފައެވެ. އަދުހަމް ބުނީ ވަކީލަކު ހަމަޖެއްސުމަށް ކަރެކްޝަނަލް ސާވިސްގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށެވެ. އަދުހަމު ބުނީ، އޭނާ މި އޮތީ ކަރަންޓެއް ނެތް "ކޮތަރު ކޮއްޓެއް" ކަހަލަ ކުޑަ ކުޑަ ގޮޅިއެއްގައި ކަމަށެވެ.
އަދުހަމް ބުނީ ވަކީލަކު ހަމަނުޖެހުނު ނަމަވެސް އޭނާ ހުރީ އެ މައްސަލައައިގެން ކުރިޔަށްދާށެވެ. ނަމަވެސް މައްސަލައައިގެން ކުރިޔަށް ދާން ބޭނުން ވަނީ މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުމެއް ލިބިގެން ކަމަށް އަދުހަމް ބުންޏެވެ.
ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ވެސް އެނގޭ މިންވަރަކުން އޭނާ އަށްވެސް މައްސަލާގައި ކުރިޔަށް ދެވިދާނެކަން ފާހަގަކޮށް އަދުހަމް ބުނީ ވަކީލަކު ހަމަޖެއްސި ނަމަވެސް އޭނާއާ އެކަހެރިކޮށް ވަކީލާ ބައްދަލު ނުކުރެވޭ ނަމަ ވަކީލަކު ހަމަޖެއްސުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *