ހުއްދަނެތި މީހެއްގެ ގައިގައި އަތްލުމަކީ ޖިނާއީ ކުށެއް: އުޝާމް

ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އުޝާމް: ފޮޓޯ / މަޖިލިސް

ހުއްދަ ނެތި މީހެއްގެ ގައިގައި އަތްލުމަކީ ޖިނާއީ ކުށެއް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައި މިވަނީ މާފަންނު މަދަރުސާގައި ކޮވިޑް19 ސާމްޕަލް ނަގައި ދިނުމަށް އުޅުނު މީހަކަށް ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން ހަމަލާދީފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި އިކްރާމް ހަސަން ކޮވިޑް ސާމްޕަލް ނަގަން ހުރި މީހާ އަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް އިކްރާމްގެ މައްޗަށް ކޮށްފައިވާ އެ ތުހުމަތުތައް އޭނާ ވަނީ ދޮގު ކުރައްވާފައެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮވިޑްގެ ސާމްޕަލް ނެގުމަށް ނޭފަތް ތެރެއަށް ކޮއްޕާ ކަފަބުރު ލެއްވުމަށްފަހު މާބާރަށް ތަޅުވާލުމުން އޭނާ އަށް ތަދުވި ކަމަށާއި އެހެންކަމުން ސާމްޕަލް ނެގި މީހާގެ އަތް ދުރަށްލި ކަމަށެވެ.

"އަދި ވަރަށް ރުޅި އައިސް ބުނެވުނު މިހާ އަނިޔާވެރިކޮށް ސާމްޕަލް ނަގާ ކުދިން ސާމްޕަލް ނެގުމަށް ބައިތިއްބަން ނުވާނެ ކަމަށް. އަދި އޭނާ [ސާމްޕަލްނ ނެގި މީހާ އަށް] އަށް ކިޔަނީ ކޮން ނަމެއްތޯވެސް އެހިން، ނަމެއް ނުބުނި،" އިކްރާމް ވިދާޅުވިއެވެ.

އެކަމާއި ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރާމާރީއަކަށް ވަނީ ހަމައެކަނި ހަމަލާއެއް ދިނުމުން ނޫން ކަމަށެވެ. މީހެއްގެ ހުއްދަނެތި ގައިގައި އަތްލުމަކީވެސް ޖިނާއީ ކުށެއް ކަމަށް އުޝާމް ވިދާޅުވިއެވެ.

އިކްރާމް ވަނީ އެވަގުތު އެކަން ހިނގައިދިޔަ ތަނުގައި ކެމެރާ ހުރި ނަމަ އެނޫން ގޮތަކަށް ކަން ހިނގާފައިވޭތޯ ބެލުމަށް ކެމެރާ ބެލުމަށް އެދިވަޑައިގެންފައެވެ.

މީގެކުރިން އައިޖީއެމްއެޗް އިން ވެސް ކޮވިޑް ޓެސްޓު ހެދި ކަމަށް ވިދާޅުވެ އިކްރާމް ހަސަން ވިދާޅުވީ އޭރު ކޮވިޑަށް ޓެސްޓު ކޮށްފައި ވަނީ ވަރަށް އޯގާތެރިކޮށް ކަމަށެވެ.

އިކްރާމް މިކަމަށް އިންކާރުކުރި ނަމަވެސް ފުލުހުން އިއްޔެ ބުނ ކޮވިޑް19 އަށް ޓެސްޓު ކުރުމަށް ސާމްޕަލް ނެގި ސިއްހީ ހިދުމަތްތެރިޔާ އަށް މީހަކު ހަމަލާ ދިން މައްސަލައެއް ރޭ އެ މުއައްސަސާއަށް ހުށަހެޅިފައިވާ ކަމަަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *