ނަފްސާނީ ބަލިތަކުން އަރައިގަތުމަށް މުޅި މުޖުތަމަޢުގެ އަޅާލުމާއި އެހީ ބޭނުންވޭ: ރައީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ---

ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް، އެކަމުން އަރައިގަނެވޭނީ މުޅި މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އަޅައިލުމާއި އެހީތެރިކަން ލިބިގެން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން އިސްނަގައިގެން މިރޭ "ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް" ގެ ނަމުގައި ބޭއްވި ޚާއްޞަ ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އިސްކަންދޭ އެއް ސަބަބަކީ، ނަފްސާނީ ބަލިތަކަކީ ވެސް އެހެނިހެން ޖިސްމާނީ ބަލިތަކެކޭ އެއް ފަދަ ބަލިތަކަކަށް ވެފައި، ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާތީ ކަމުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ވިދާޅުވީ، ނަފްސާނީ ބަލިތައް ތަޙައްމުލު ކުރަމުންދާ މީހުންނަށް އެކަމުން އަރައިގަތުމާއި، އެފަދަ ބަލިތަކުގެ ސަބަބުން ކުރިމަތިލާންޖެހޭ އެކަނިވެރިކަމާއި ބާކީވުމުގެ އިހުސާސުން ދުރުވުމަށް މުޖުތަމަޢުގެ ހުރިހާ ފަރުދުންގެ ވާގިވެރިކަމާއި އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި، އެ މަނިކުފާނު ވަނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަހައްމިއްޔަތުކަން ދެއްވާ މިންވަރަށް އަލިއަޅުއްވައިލައްވާ، ނަފްސާނީ ބަލިތަކަށް ބޭނުންވާ ފަރުވާ ދިނުމަށް އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، މުޖުތަމަޢުގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ފަރާތްތަކުގެ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި، ޚާއްޞަކޮށް، މި ބަލިމަޑުކަމާއި ގުޅިގެން ސައިކޯ-ސޯޝަލް ސަޕޯޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް އެ މަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލެއްވީ، ނަފްސާނީ ބަލިތަކަކީ ވެސް ކަންބޮޑުވާންޖެހޭ ފަދަ "ސީރިއަސް" ބަލިތަކެއްކަމުގައި ވިދާޅުވެ، އެ ފަދަ ބަލިތަކުގެ އަސަރުކޮށްފައިވާ މީހުންނަށް މުޖުތަމަޢުގެ ހުރިހައި ފަރުދުންގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާނެކަން ހަނދުމަކޮށްދެމުންނެވެ. އަދި، މިފަދަ ބަލިތައް ތަޙައްމުލުކުރަމުންދާ މީހުންނަށް ބޭނުންވާ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"ދަ ބިގް އިވެންޓް ފޮރ މެންޓަލް ހެލްތް" ގެ ނަމުގައި ޑަބްލިޔުއެޗްއޯ އިން އިސްނަގައިގެން އޮންލައިންކޮށް މިފަދަ ހަރަކާތެއް ބާއްވާފައިވާ، މިއީ ފުރަތަމަ ފަހަރެވެ. ރައީސުލްޖުމްހޫރިއްޔާގެ އިތުރުން މި ހަރަކާތުގައި ވާހަކަފުޅު ދައްކަވާފައިވާ ބޭފުޅުންގެ ތެރޭގައި ޑަބްލިޔު.އެޗް.އޯ. ގެ ޑިރެކްޓަރ-ޖެނެރަލާއި، އ.ދ. ގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން، ޑަބްލިޔު.އެޗް.އޯ. ގެ ބައެއް ގުޑްވިލް އެމްބެސެޑަރުންނާއި، ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމާއި، މިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމުޢިއްޔާ ޖަމާޢަތްތަކުގެ އިސްވެރިންނާއި، ބައެއް ޤައުމުތަކުގެ އިސް ލީޑަރުން ހިމެނިވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *