ފްރަންޓުލައިން މުވައްޒަފުންނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ގޮވާލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ---

ކޮވިޑް19 އާއި ގުޅިގެން ފްރަންޓުލައިންގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން ގޮވާލައިފިއެވެ.

އިދިކޮޅުން މިފަދައިން ބުނެފައި މިވަނީ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ ކޮވިޑް ސާމްޕަލް ނެގުމަށް ރޭ މަސައްކަތް ކުރުމުން އެމަސައްކަތް ކުރަމުން ދިޔަ ފްރަންޓުލައިން މުވައްޒަފަށް ހަމަލާދިން ކަމަށް ބުނާ ވާހަކައެއް ސޯޝަލް މީޑިއާގައި ދައުރުވުމާއި ގުޅިގެންނެވެ. ނަމަވެސް އިކްރާމް ވަނީ އޭނާ އެއްވެސް މީހަކަށް ހަމަލާ ދީފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިކްރާމްގެ ފަރާތުން ފެނިގެން ދިޔަ އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަކީ އާއްމު ރައްޔިތުންނަށް ނަމޫނާ ދައްކަން ޖެހޭ ބައެއް ކަމަށް އެ ކޯލިޝަނުން ބުނެފައިވެއެވެ.

އަންހެން މުވައްޒަފަކަށް އިކްރާމް ހަމަލާދިން ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން އިދިކޮޅުން ބުނީ އެފަދަ އަމަލަކީ ރާއްޖޭގައި އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ހިލާފަށް ހިންގާފައިވާ އަމަލެއް ކަމަށެވެ. އިދިކޮޅުން ބުނީ މީގެކުރިންވެސް ސަރުކާރު ހިންގާ މައިޕާޓީ (އެމްޑީޕީ)ގެ އިސް ފަރާތްތަކުގެ މައްސަލަތައް "އޮއްބާލި" ފަދައިން މި މައްސަލަ އޮއްބާނުލާ އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށްދީ ކަށަވަރު ކޮށްދިނުމަށް ގޮވާލާ ކަމަށެވެ.

ފްރަންޓުލައިން މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތަކީ ގައުމީ މަސައްކަތެއްކަން ފާހަގަކޮށް އިދިކޮޅުން ބުނީ މަޖިލީހުގެ މެންބަރަކަށްވުމަކީ އެފަދަ ދަށު ދަރަޖައިގެ ކަންކަން ކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *