އައްޑޫ ޑްރަގު އޮޕަރޭޝަން: އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ޝަރީއަތް ނިމެންދެން ބަންދަށް ޖެހި ތިން މީހުން --

އައްޑޫ ސިޓީގައި ފުލުހުން ދާދިފަހުން ކުރިޔަށް ގެންދިޔަ ޑްރަގު އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފިއެވެ.

މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި މީހުންނަކީ އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ  ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު (25އ) ، އާއި ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އާއި ސ. ހިތަދޫ/މަންދޫބުގެ، ޙުސައިން ސިމާޙު (27އ)އެވެ.

މި މީހުންގެ ތެރޭގައި ހިމެނޭ ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އަކީ މިމައްސަލައާ ގުޅިގެން މި މަހުގެ ހަތްވަނަ ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށް، އެދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ މީހެއް ކަމަށެވެ. އަދި އަނެއް ދެމީހުންޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައިވަނީ އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ބުނެއެވެ.

އެހެންކަމުން މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރެއިން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރި މީހުންގެ އަދަދު މިވަނީ ފަހަކަށް އަރާފައެވެ. މީގެކުރިން މި މައްސަލާގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ މި މައްސަލައިގެ  ސ. ހިތަދޫ/ފިނިފަރު، ޢަބްދުﷲ އިބްރާހިމް (އަބުޗާ) (33އ) އާއި ސ. ހިތަދޫ/ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) އެވެ.

ހަމަ މި މައްސަލާގައި ފުލުހުން ހައްޔަރުކުރި 8 މީހަކު މިހާރު ވަނީ ދޫވެސް ކޮށްލާފައެވެ. އެމީހުން ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނުފެންނާތީއެވެ.

އައްޑޫގަ ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނުގައި ގާތްގަނޑަކަށް 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްފައިވެއެވެ.

ޖާސޫސީ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަނޑުމަތީގައި ފުލުހުން ހިންގި އޮޕަރޭޝަންގައި މަސްތުވާތަކެތި ހޯދާފައި ވަނީ ލޯންޗަކުންނެވެ. އެ ލޯންޗަށް މަސްތުވާތަކެތި އެރުވި ކަމަށް ބެލެވެނީ ރާއްޖޭގެ ކަނޑުގެ އިގްތިސާދީ ސަރަހައްދު ބޭރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *