ބައި ކިލޯގެ މަސްތުވާތަކެއްޗާއެކު ފެންފުށިން މީހަކު ހައްޔަރުކޮށްފި

ފުލުހުން މީގެކުރިން އަތުލައިގެންފައިވާ މަސްތުވާތަކެތިތަކެއް --

ބައި ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެތަކެތި ފެނިފައި ވަނީ އދ. ފެންފުށީ ގެއެއްގެ ބަލާ ފާސްކުރަނިކޮށް ކަމަށެވެ. އެ މައްސަލައާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައި ވަނީ 39 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހާގެ އަތުން ކްރީސްޓަލް މެތްގެ 536.2 ގްރާމް ފެނިފައިވާ ކަމަށެވެ. ކްރީސްޓަލް މެތް އަކީ މަސްތުވާތަކެތީގެ ބާވަތެކެވެ.

އެމީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށް ޝައްކުކުރެވޭ ކްރިސްޓަލް މެތު ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސް އަދި ފެންފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެތި ފެނުނު ގެ ފުލުހުން ބަލާ ފާސްކޮށްފައި ވަނީ  ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރުއެވެ.

އެ އޮޕަރޭޝަނުގައި ހައްޔަރު ކުރި 39 އަހަރުގެ މިހާއަކީ އދ. އަތޮޅުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މިމައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އެ އަތޮޅު މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހިޔާލު ދެއްވާ!

Your email address will not be published.