ޔާމީންގެ އެކައުންޓުތައް ދޫކޮށްލަން ހައިކޯޓުން އަމުރުކުރީ ރަނގަޅަށް: ސުޕްރީމް ކޯޓު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަޕޯޓަރުންނަށް ހަނާ އަޅުއްވަނީ: ފޮޓޯ / ހަތާވީސް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓުތައް ފްރީޒު ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލް ކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ދޫކޮށްލުމަށް ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފު ކުރުމުން މިއަދު އިއްވި ހުކުމްގައި ބުނެފައި ވަނީ މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ 8 އެކައުންޓާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެދިގެން ބީއެމްއެލްގައި ހުޅުވި އެކްސްކްރޯ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ މުއާމަލާތާއި ގުޅެނީ ކިހާ މިންވަރަކަށްކަން ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށެވެ.

މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއާ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ 8 އެކައުންޓުގައި ހުރި ފައިސާއާ ގުޅުމެއް އޮތްކަންވެސް ދައުލަތަށް ސާބިތު ކޮށްދެވިފައި ނުވާ ކަމަށް ވެސް ހުކުމްގައި ބުނެފައިވެއެވެ.

ފަނޑިޔާރު ހުސްނުސުއޫދު އިއްވި ރައުޔުގައި ވިދާޅުވީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒު ކުރުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަކީ ގާނޫނާއި އެއްގޮތަށް ކޮށްފައިވާ އަމުރެއް ނޫން ކަމަށް ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ. އެމަނިކުފާނުގެ ރައުޔު އަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ޑރ.އަޒްމިރަލްޑާ ޒާހިރު އާއި އައިޝާ ޝުޖޫން މުހައްމަދު ވެސް ތާއީދު ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *