ރައްޔިތުން ދެކެނީ މިއީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް: ފޮޓޯ / މަޖިލިސް

މިއަދު ރާއްޖޭގައި އުފެދިފައިވާ ސަރުކާރަކީ ގިނަ ސިޔާސީ ޕާޓީތަކެއް ހިމެނޭ ކޯލިޝަން ސަރުކާރެއް ކަމަށް ބުނި ކަމަށްވި ނަމަވެސް ދިވެހި ރައްޔިތުން ދެކެނީ މިއަދު އުފެދިފައިވާ ސަރުކާރަކީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަބަރު ސިޓީގެ އެންމެ ފަހުގެ އަދަދުގައި ލިޔުއްވާފައިވާ ލިޔުމެއްގައި އާޒިމް ވިދާޅުވީ މިއަދު ސަރުކާރު ކޯލިޝަން ޕާޓީތަކުން ކުރަމުން ގެންދާ މަސައްކަތަކީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ޕާޓީ ވަރުގަދަ ކުރުން ކަމަށެވެ. އެގޮތުން އެފަދަ ޕާޓީތަކަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތަކާއި އެހެނިހެން ވެސް ގިނަ ހަރަކާތްތައް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް އެފަދައިން ވިދާޅުވިއިރު ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން އަންނަނީ އެޕާޓީގެ މެންބަރުންގެ އަދަދު އިތުރުކޮށް ކުރިޔަށް އޮތް 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އާޒިމް ވިދާޅުވީ އެމްޑީޕީ ނޫސް ވަޒީރުންގެ މަސައްކަތް ހުރީ "އަމާ ބުނީތީ ފަރަށްދާ" އުސޫލުން ކަމަށެވެ. މީގެއިތުރުން އާޒިމް ވަނީ ސަރުކާރު މިއީ ކޯލިޝަން ސަރުކާރެކޭ ކިތަންމެ ހަރުއަޑުން ބަޔަކު ބުނި ނަމަވެސް ހަގީގަތަކީ ރައްޔިތު މީހާ ދެކެނީ މިއީ އެމްޑީޕީގެ ސަރުކާރެއްގެ ގޮތުގައި ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *