ދޮގު މައުލޫމާތު ރަނގަޅުކުރަން ދައުވާ ކުރެވުނަސް ބަދަލު ހޯދަން ދައުވާކުރުމަށް ފައްޔާޒު ދެކޮޅު!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ދައުލަތުގެ އިސްވެރިއަކާއި ހަވާލާދީ ހާމަކޮށްފައިވާ މައުލޫމާތުގައި ދޮގު މައުލޫމާތު ހިމެނިފައިވާ ނަމަ އެކަމެއް ރަނގަޅު ކުރުމަށް ދައުވާ ކުރެވިދާނެ ކަމަށާއި އެހެންނަމަވެސް އެފަދަ މައުލޫމާތެއް ހާމަކޮށްގެން ބަދަލު ހޯދަން ދައުވާ ނުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް މަޖިލީހަށް އަބުރުގެ ބިލެއް ފޮނުވައި ފާސްކުރިއިރު އެ ބިލު އޮތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށެވެ. އަދި ނޫސްވެރިންނާއި މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށް އެ ގާނޫނު އޮތްއިރު ބައެއް މީޑިއާ ސްޓޭޝަންތައް ވަނީ މިލިއަނުން ޖޫރިމަނާކޮށްފައެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެން އެ ގާނޫނު ވަނީ އުވާލާފައެވެ.

އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލާ ގުޅިގެން މިނިސްޓަރު ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދައުލަތުގެ އިސްވެރިންގެ އަބުރާ ބެހުނު ނަމަވެސް ބަދަލު ހޯދަން ދައުވާ ކުރުމުގެ ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އެ ފުރުސަތު ދެވެން ޖެހޭނީ އާންމުންނަށް އެކަނި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ނަމަވެސް ދައުލަތުގެ އިސްވެރިއަކަށް ވިޔަސް ދޮގު މައުލޫމާތު ރަނގަޅު ކުރެއްވުމަށް ދައުވާ ކުރެއްވިދާނެ ކަމަށާއި ނަމަވެސް ބަދަލު ހޯއްދަވަން ދައުވާ ކުރެވިގެެން ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

މިނިސްޓަރު ފައްޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުން މަޖިލީހުގެ ތިންވަނަ ދައުރަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި އަބުރުގެ ބިލެއް ހުށަހަޅަން ނިންމާފައި ވާތީ އެކަމާ ގިނަ ނޫސްވެރިންނާއި މީޑިއާތައް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރާ އިދިކޮޅު ކޯލިޝަނުން އަންނަނީ އެކަމާއި ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުންނެވެ.

ނަމަވެސް އެޓާނީ ޖެނެރަލް އޮފީހުން ބުނީ އަލަށް ހުށައަޅާ ބިލާއި، ކުރީގެ ސަރުކާރުން ގެނެސްފައިވާ ބިލާ މުޅިން ތަފާތުވާނެ ކަމަށެވެ. ކުރީގެ ސަރުކާރުން އެކުލަވާލި ބިލުގައި ނޫސްވެރިންނަށް އަމާޒުކޮށްފައިވީ ނަމަވެސް މިސަރުކާރުން ހުށަހަޅާ ބިލަކީ ނޫސްވެރިންނަށް އަމާޒުކޮށްގެން ހުށަހަޅާ ބިލެއް ނޫން ކަމަށާއި އެއީ ނޫސްވެރިންނަށް ހުރި ބިރެއް ނޫން ކަމަށް ބުންޏެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލަކީ، އާއްމު ގާނޫނުތަކުގެ ތެރޭގައި ހިމެނިގެން މިހާރުވެސް އަމަލުކުރަމުންދާ އޮތް ގަވާއިދަށް ގާނޫނީ ބާރު ލިބިދިނުމުގެ ގޮތުން ހުށަހަޅާ ބިލެއް ކަމަށެވެ. އަދި އެބިލު ގާނޫނަކަށް ވެގެން އަންނައިރުވެސް، އަބުރާއި ބެހުމުގެ ކުށް ހިމަނާފައި އޮންނާނީ، މަދަނީ ކުށެއްގެ ގޮތުގައި ކަމުގައި އޭޖީ އޮފީހުން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *