އިންތިގެ ނުރުހުން އޭސީސީއަށް: ޕަފޯމަންސް ދަށް، ފެންވަރު ވެސް ދަށް!

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ: އޭސީސީއަށް ފާޑުވިދާޅުވި-- ފޮޓޯ/ ހަތާވީސް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޕާފޯމަންސް ވަރަށް ދަށް ކަމަށާއި އެ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުތަކުގެ ފެންވަރު ވެސް ދަށް ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ އެމްއެމްޕީއާރްސީގެ މަންފާތައް ލިބުނު މީހުންގެ މައްސަލަތައް ހިނގަމުން ނުދާ ކަމަށާއި އޭސީސީން ބަލަމުންދަނީ ކުދިކުދި މައްސަލަތައް ކަމަށެވެ. ކުދިކުދި ކަންތައްތަކުގައި ވަރަށް "ފޯރިއާ އެކު" ދައުވާ ކުރަން ފޮނުވަމުންދާ ކަމަށާއި އޭގެ ސަބަބުން އެ ކޮމިޝަންތަކަށް ކުރާ އިތުބާރު ކުޑަވަމުންދާ ކަމަށް އިންތި ވިދާޅުވިއެވެ.

ކުދިކުދި މައްސަލަތައް ވެސް ބަލައި، ދައުވާ ކުރަން ފޮނުވަންޖެހޭނެ ކަމަށް ފާހަގަ ކުރައްވައި، އިންތި ވަނީ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް ކުރިއަށް ނުގެންގޮސް، ހުއްޓިފައިވާތީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.

އޭސީސީން ތަހުގީގުކޮށް، ދައުވާ ކުރަން ފޮނުވާ ކުދިކުދި މައްސަލަތަކެއްގެ ގޮތުގައި އިންތި އިޝާރާތް ކުރެއްވި އެއް މައްސަލައަކީ މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ މައްޗަށް ދައުވާ ކުރަން ފޮނުވި މައްސަލައެވެ.

އިންތި ވިދާޅުވީ ކުޑަ ރިސާޗެއް ހެދުމުން އެކަމުގެ ހަގީގަތް އެނގިގެންދާ ކަަމަށެވެ. އެގޮތުން ބޭރު ބަޔަކު އަމިއްލައަށް ފަންޑުކޮށްގެން، އެ ބަޔަކު ބޭނުންވާ ބަޔަކަށް މަސައްކަތް ހަވާލުކޮށްގެން، ފާހާނާ ބަރިއެއް ހެދުމަކީ "ދުނިޔޭގެ ލެއްވި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލު" ކަމަށް އޭސީސީން ދެކޭ ކަމަށް އިންތި ވިދާޅުވިއެވެ.

"ދުވަހަކުވެސް ވައްކަމެއް ނުކުރާނެކަހަލަ، ހިޔާނާތެއް ދުވަހަކު ނުވާނެ ކަމަށް، އެފަދަ ތަސައްވަރެއް ނުވަހަކު ވެސް އެޅިފައި ނުވާފަދަ ބޭފުޅުންގެ މައްޗަށް މި ނަން ކިލަނބުކުރުމަށްޓަކާ މިފަދަ ދައުވާތައް ކުރުމަކީ އެއީ އިންސާފު ގާއިމު ކުރުން ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވޭކަށް ނެތް،" މާފަންނު އުތުރު ދާއިރާގެ މެމްބަރު އިންތި ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން އޭސީސީގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލުގެ ބަހުސް ނިންމަވާލައްވަމުން އިންތި ވިދާޅުވީ ބޮޑެތި ކޮރަޕްޝަންތައް ބެލުމަށް އެ ކޮމިޝަން ނާގާބިލުވެފައިވާ ކަމަށެވެ.

"ބޮޑެތި ކޮރަޕްޝަން ބެލުމަށް ނާގާބިލުވެފަ، ނުވަތަ ނުކުޅެދިފަ، ގަސްދުގައި ކަމެއް އިހުމާލުން ކަމެއް އަޅުގަނޑަކަށް ނޭނގޭ،" އިންތި ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *