ހަސަން އަލީގެ ޕާސްޕޯޓު ހިފަހައްޓައިފި

ހައިކޯޓުގެ ފަނޑިޔާރު ހަސަން އަލީ: އޭނާ ވަނީ މިއަދު މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ / އަވަސް

ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

ހަސަން އަލީގެ ޕާސްޕޯޓު ހިފަހައްޓާފައި މިވަނީ 2014 ވަނަ އަހަރު އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހަސަން އަލީ ހުންނެވި ދުވަސްވަރު ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓުގެ ދެ އޮފިސަރަކާއި ގުޅިގެން ނޫސްވެރިޔާ އަހުމަދު ރިލްވާން ރާއްޖެ އިން ބޭރަށް ގޮސް މަރުވެފައިވާކަން ދެއްކުމަށްޓަކާ ޓްރެވަލް ޑޮކިއުމެންޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ މަރު ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ މައްސަލަ އާއި ގުޅިގެންނެވެ.

މަރުތަކާ ބެހޭ ކޮމިޝަނުން ތައްޔާރުކުރި ރިލްވާންގެ ދެވަނަ ޑްރާފްޓް ރިޕޯޓުގައި ބުނެފައިވަނީ ރިލްވާންގެ ޕާސްޕޯޓެއް ހަދައިދެވޭނީ ރަސްމީ ލިޔުމަކުން އެދުމުން ކަމަށް ހަސަން އަލީ ވިދާޅުވި ކަމަށް ބުނެފައިވެއެވެ. އަދި އޭގެ ޖަވާބުގައި އެފަދަ ލިޔުމެއް ނުގެނެވޭނެކަމަށް އިންޓެލް ދެ އޮފިސަރުން ބުނިކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.

ރަސްމީ ލިޔުމެއް ނުގެނެވޭނެކަމަށް ބުނުމުން އެމީހުން ބޭނުންނަމަ ރިލްވާންގެ އަސްލު ޕާސްޕޯޓް އިންނަ ގޮތަށް އެއްޗެއް ހެދިދާނެ ނޫންހޭ ހަސަން އަލީ ވިދާޅުވުމުން އެއީ ރަނގަޅު ގޮތެއް ކަމަށް ބުނެފައި އިންޓެލް ދެ އޮފިސަރުން ދިޔައީ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

ހަސަން އަލީ ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުން މިހާރު އިސްތިއުފާ ދެއްވައިފައެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަސަން އަލީގެ މައްސަލަ ބަލަމުން އަންނަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *