ބަލި ހާލަތު ހުރި ގޮތުން އަދީބު ގެއަށް ބަދަލުކޮށްފި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު --

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ ގެއަށް ބަދަލުކޮށްފިއެވެ.

އަދީބު ގެއަށް ބަދަލުކުރެއްވިއިރު އެމަނިކުފާނު ހުންނެވީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައެވެ.

އެހެންނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިއަދު ބުނީ އަދީބުގެ ބަލި ހާލަތު ހުރި ގޮތުން އެމަނިކުފާނު ގެއަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އިތުރު އެއްވެސް ތަފްސީލެއް ނުދެއެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން އެންމެ ފަހުން ބޭއްވި ޝަރީއަތުގައި އަދީބު ވަނީ އެ ހަތް ދައުވާ އަށް އިއުތިރާފުވެފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިއްވުމުން އަދީބަށް ޖަވާބުދާރީވުމަށް ފަނޑިޔާރު ދެއްވި ފުރުސަތުގައި އަދީބު ވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަށްވެސް އިއުތުރާފުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ ކުރީގެ ސަރުކާރުން އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމުގައި ރަނގަޅު ނިޔަތެއް ގެންގުޅެފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަމުގައި ގެންގުޅެނީ ރަނގަޅު ނިޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްޕީއާރްސީ ފައިސާ ނުލިބޭ ސިޔާސީ އެއްވެސް ޕާޓީއެއް ނެތް ކަމަށް އަދީބު ވިދާޅުވިއެވެ. ހިޔާނާތުގެ ފައިސާ ރައީސް ޔާމީން ބޭނުން ކުރެއްވީ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަދީބު ދައުވާތަކަށް އިއުތިރާފުވުމުން، ގާޒީ މަސައްކަތް ކުރެއްވީ ދެ ފަރާތުން އިއުތިރާޒު ނުކުރާ ނަމަ، އަވަސް ނިޔާއިން މައްސަލަ ނިންމައި ހުކުމް ކުރާށެވެ. އެކަމަށް ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ. ނަމަވެސް އަދީބުގެ ވަކީލުން ވަނީ ފަސް ދުވަސް ދެއްވުމަށް އެދިފައެވެ. އެއީ މިހާރު އެއްބަސްވުމުގައި އޮތް އަދަބަށްވުރެ ކުޑަ އަދަބެއް ލިބިދާނެތޯ މަޝްވަރާ ކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *