ކޮރޯނާ ވައިރަހުން ސަލާމަތްނުވަނީސް ޗައިނާގައި ދޫނި ރޯގާ ފެތުރެން ފަށައިފި

ޗައިނާގައި ދޫނި ރޯގަ ފެތުރެނީ-

ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަހުން އެގައުމު ސަލާމަތްނުވަނީސް ދޫނި ރޯގާ ފެތުރެން ފަށައިފިއެވެ.

ޗައިނާގައި ދޫނި ރޯގާ ނުވަތަ އެޗް5އެން1 ފެތުރެމުންދާކަމަށް އެގައުމުގެ މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. ޗައިނާގައި ދޫނި ރޯގާ ފެތުރެން ފަށާފައިވަނީ، ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ވޫހާން ސިޓީގެ ކައިރީގައި އޮންނަ ހުނާން ޕްރޮވިންސްގެ ސިޓީއެއްގަ އެވެ.

ހުނާން ޕްރޮވިންސްގެ މިނިސްޓްރީ އޮފް އެގްރިކަލްޗާއިން ބުނީ ދޫނި ރޯގާ ޖެހިގެން އެޕްރޮވިންސުން މިހާތަނަށް 4500 ކުކުޅު މަރުވެފައިވާ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް 17800 ކުކުޅު މަރާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޗައިނާގައި ދޫނި ރޯގާ ފެތުރެން ފެށި އިރު އެގައުމުގެ ވޫހާން ސިޓީގައި ދަނީ ނުރައްކާތެރި ކޮރޯނާ ވައިރަސް ފެތުރެމުންނެވެ. ޗައިނާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި ކޮރޯނާވައިރަހުގެ އަސަރުކޮށްގެން މަރުވި މީހުންގެ ރަސްމީ ރެކޯޑް އަދަދަކީ 259 އެކެވެ. އަދި ޗައިނާއިން އެކަނިވެސް 11791 މީހުން މި ވައިރަހަށް މިހާރު ޕޮޒިޓިވްވެފައިވާކަން ކަށަވަރު ކުރެވިފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. މީގެ އިތުރުން، 102000 އެއްހާ މީހުން އަދިވެސް ތިބީ އޮބްޒަވޭޝަންގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.