ޖުމްލަ 63 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި، ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުން!

ސިޔާސީ ޕާޓީތަކާއި އެކުގައި އިލެކްޝަނުން މީގެކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / ހަތާވީސް

ކުރިޔަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައި ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އަށް ނިސްބަތްވާ ކެންޑިޑޭޓުންކަން ހާމަވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު "ހަތާވީސް" އަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުގައި ކައުންސިލް އިންތިހާބުގައި ވާދަކުރާ އެމްޑީޕީގެ 862 ކެންޑިޑޭޓުންގެ ތެރެއިން 13 ކެންޑިޑޭޓަކު މިދިޔަ މަހުގެ 9ވަނަ ދުވަހާއި ހަމަ އަށް ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ 15 މެންބަރަކު ނަން އަނބުރާ ގެންގޮސްފައިވާއިރު އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށް އެމްޑީޕީގެ ފަރާތުން 703 ކެންޑިޑޭޓަކު ވާދަކުރުމަށް ނިންމިއެވެ.

ދެވަނަ އަށް އެންމެ ގިނައިން ނަން އަނބުރާ ގެންގޮސްފައިވަނީ އިދިކޮޅު ޕީޕީއެމް އިންނެވެ. އެޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި 674 ކެންޑިޑޭޓުން ވާދަކުރަން ނިންމާފައިވާއިރު މިދިޔަ މަހުގެ 9ވަނަ ދުވަހާއި ހަމަ އައިއިރު ޕީޕީއެމްގެ ފަސް ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ އަށް ޕީޕީއެމްގެ ފަރާތުން 513 ކެންޑިޑޭޓަކު ވާދަކުރަން ނިންމި ނަމަވެސް އޭގެތެރެއިން ދެ ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކައުންސިލް އިންތިހާބުގައި 123 ކެންޑިޑޭޓުން ނެރޭއިރު އޭގެތެރެއިން ހަތަރު ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް 56 ކެންޑިޑޭޓަކު ވާދަކުރާއިރު މިހާތަނަށް އެ މަގާމަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރާ އެއްވެސް ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފައެއް ނުވެއެވެ.

އަމިއްލަ ގޮތުން ކައުންސިލް އިންތިހާބުގައި 661 ކެންޑިޑޭޓުން ވާދަކުރާއިރު އޭގެތެރެއިން 20 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. އަމިއްލަ ގޮތުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް 467 ކެންޑިޑޭޓަކު ވާދަކުރާއިރު މިހާތަނަށް އައިއިރު ހަތަރު ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

މިހާތަނަށް އައިރު ކައުންސިލް އިންތިހާބުގައި ވާދަކުރާ 42 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 21 ކެންޑިޑޭޓުންނާއިއެކު ޖުމްލަ 63 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

އިލެކްޝަނުން ބުނީ ނަން އަނބުރާ ގެންދިއުމަށް ބޭނުންވާ ނަމަ އެކަމަށް އެދި ހުށަހަޅާނީ “ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމުން ކަމަށެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ މުއްދަތު ހަމަވުމުގެ މަދުވެގެން 10 ދުވަސް ކުރިން މުއްދަތު ހަމަވާ ތާރީޚު އިއުލާން ކުރާނެ ކަމަށް ވެސް އީސީން ބުނެއެވެ.

ކޮވިޑް19 އާއި ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހާއްސަ ގާނޫނަކުންނެވެ. އެގޮތުން އަންނަ އަހަރުގެ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *