އަލްހާނަށް ހަމަލާ ދިން މީހާއަށް މައާފުކޮށްފި

ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ---

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އަށް ހަމަލާދިން މީހާ އަށް އަލްހާން މައާފު ކުރައްވައިފިއެވެ.

އަލްހާނަށް ހަމަލާ ދިނީ 2014ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަލްހާނަށް ވަޅިން ހަމަލާ ދިންއިރު އޭނާ އިންނެވީ އާޓްފިޝަލް ބީޗުގައި ކުރިން ހުރި ބްރޭކްވޯޓާ ނަމަކަށް ކިޔާ ރެސްޓޯރެންޓެއްގައެވެ.

އެ ހާދިސާގައި އަލްހާނަށް ބޮޑު އަނިޔާއެއް ލިބިވަޑައިގަތެވެ. އެގޮތުން އަލްހާނުގެ މައިބަދަ އަށް ވަރަށް ބޮޑަށް ގެއްލުންވިއެވެ. އެ ހާދިސާގައި އަލްހާން ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދަވާފައެވެ.

ސ. ހިތަދޫ އުލްފާ މަންޒިލް، މުހައްމަދު ނަސީމްގެ މައްޗަށް ދައުލަތުން ދައުވާކުރިއެވެ. އަދި އޭނާ ވަނީ ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށް މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައެވެ.

އޭނާ މައްޗަށް ހުކުމް ކުރީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގެ ދަށުން މީހެެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުން ނަސީމް ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅިއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ފަސް އަހަރަށް ޖަލަށް ލުމަށާއި އަދި އެ ކުށް ކުރުމުގައި ތޫނު ހަތިޔާރެއް ބޭނުން ކޮށްފައިވާތީ އެ ގާނޫނުގެ ދަށުން އިތުރު ދެ އަހަރުގެ ޖަލަށް ލުމަށް ހުކުމް ކުރިއެވެ.

އަލްހާނަށް ހަމަލާދިން ސީދާ ސަބަބެއް އަދިވެސް ސާފެއް ނުވެއެވެ. އަދި އެކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް ވެސް ސާފެއް ނުވެއެވެ. އަލްހާނަށް ހަމަލާ ދިން މީހާ އަށް މައާފުކުރިކަން އޭނާ ހާމަ ކުރެއްވިއިރު އިއްޔެ ކްރިމިނަލް ކޯޓުގައި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ވަނީ އެމަނިކުފާނަށް މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެފައިވާ ކަމަށާއި އެހެންކަމުން ދިވެހި ރައްޔިތުން އެމަނިކުފާނަށް މައާފު ކުރެއްވުމަށް އެދިލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *