ޕްލާސްޓިކުން ކަނޑުތައް ތަގައްޔަރު ވާތީ ރައީސް ކަންބޮޑުވުން ފާޅުކުރައްވައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު: ފޮޓޯ / ރައީސް އޮފީސް

ކަނޑުތައް ޕްލާސްޓިކުން ތަގައްޔަރުވަމުން ދާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ނިއުޔޯގްގައި ހުންނަ އދ. ގެ މައި މަރިކަޒުގައި ވާޗުއަލްކޮށް ބޭއްވެވި އދ. ގެ ބަޔޯޑައިވަރސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮންމެ އަހަރަކު 8 މިލިޔަން ޓަނުގެ ޕްލާސްޓިކު ކުނި ކަނޑުތަކުން ފެންނަމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ރާއްޖޭގައި ބޭނުންކުރުން 2023 ގެ ކުރިން ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައި ވަނީ ވެސް އަދި އެކުވެރި އެހެން ބައިވެރިންނާ ގުޅިގެން މެރިން ޕްލާސްޓިކް ޕޮލިއުޝަން ހުއްޓުވުމަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރަނީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.

ރައީސް ސޯލިހު ވަނީ މޫސުމަށް އަންނަ ބަދަލުތަލުތައް ކުޑަކުރުމަށާއި، ބޮޔޯޑައިވާސިޓީ ދެމެހެއްޓުމުގައި ބައިނަލްއަގުވާމީ ބައިވެރިންނާއެކު ރާއްޖެއިން މަސައްކަތްކުރާނެ ކަމަށާއި، މޫސުމީ ކަންކަމަށް ރާއްޖެއިން ވަރަށް ބޮޑު އަހައްމިއްޔަތެއް ދޭ ކަމަށް ވިދާޅުވެފައެވެ.

އިންސާނުންގެ ޙަރަކާތްތަކުގެ މައްޗަށް ތިމާވެށީގެ ދުޅަހެޔޮކަން ނުހަނު ބޮޑަށް ބަރޯސާވެފައިވާ މި ދުވަސްވަރުގައި، ދުނިޔޭގެ ދުޅަހެޔޮކަމާއި ތިމާވެށީގެ ސިއްހަތު ބިނާވެފައި ވަނީ އިންސާނުންނަށް ލިބިފައިވާ ސައިންޓިފިކް އިލްމާއި ޓެކްޖޮލޮޖީގެ ބޭނުން ހިފާގޮތުގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ވަކާލާތުކުރާ އަދި އެކަމުގައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން ރާއްޖެއިން އަންނަނީ އެ ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންދަމުން ކަމަށާއި، އެ އެކްޕެޑިޝަންތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، ނޫ އިގްތިސޯދެއް ބިނާކުރުމުގައި ގުދްރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި، މިދިޔަ އަހަރު ބޭއްވި އދ. ގެ 74 ވަނަ އާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން "ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް" މޮޑެލް ހުށަހެޅީ ވެސް އެ ސަބަބަށްޓަކައިކަން ފާހަގަކުރައްވާ ރައީސް ވަނީ "ކްލައިމެ ޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް" އަކީ ކުދި އެހެން ޖަޒީރާ ގައުމުތަކަށް ވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަން ކުރުމުގައި ބޭނުން ކުރެވިދާނެ ނަމޫނާ މޮޑެލް އެއްކަން ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *