ކުރެވުނު ކުށްތަކަށް ތައުބާވެ، ރައްޔިތުންގެ ކިބައިން އަދީބު މައާފަށް އެދިއްޖެ

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު --

އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ކުރެވިފައިވާ ކުށްތަކަށް ތައުބާވެފައިވާ ކަމަށާއި އެކަމާއި ގުޅިގެން ރައްޔިތުންގެ ކިބައިން އަދީބު މައާފަށް އެދިވަޑައިގެންފިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް ހަތް ދައުވާ އެއް ދައުލަތުން އުފުލިއެވެ. އެ ހަތް ދައުވާ މީގެކުރިން ކްރިމިނަލް ކޯޓުން ބޭރުކޮށްލިއެވެ. ނަމަވެސް ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އަލުން އެ މައްސަލަތައް ބެލުމަށް އަންގާފައެވެ.

އެހެންކަމުން މިއަދު އެ މައްސަލައިގެ އަޑުއެހުން ކްރިމަނަލް ކޯޓުން ވަނީ އަލުން ފަށާފައެވެ. ދައުލަތުން އުފުލި ހަތް ދައުވާ އަށްވެސް އިއުތިރާފުވެވަޑައިގަތުމަށްފަހު އަދީބު ވަނީ އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތަށް އޭނާގެ ފަރާތުން އެއްބާރުލުން ދެމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ.

އަދި ވިދާޅުވީ މީގެކުރިން ކުރެވުނު ކުށްތަކަށް ތައުބާވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި އޭނާ އަށް މީގެކުރިން ކުރެވުނު ކުށްތަކަށް ދިވެހި ރައްޔިތުންގެ އަރިހުން މައާފަށް އެދިލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ކަންކަން ހިނގާފައިވާ ގޮތް ކިޔައިދިނުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އަދީބު ވިދާޅުވީ ޖަލުގައި ހޭދަ ކުރި ދުވަސްތަކުގައި ވެސް އޭނާ އަށް ކުރެވުނު ކަންކަމާއި މެދު ހިތާމަ ކުރެއްވި ކަމަށެވެ.

"އަޅުގަނޑު ޖަލުގައި އޮތް އިރުވެސް މިކަމާ ހިތާމަ ކުރަން. އަޅުގަނޑު ވަނީ ޖަލުގައި އޮތް އިރު މިކަމަށް ތައުބާވެ، މިކަމާ ހިތާމަކޮށް ދިވެހި ރައްޔިތުންނާއި ދައުލަތުގެ ކިބައިން މައާފަށް އެދެން،" އަދީބު ވިދާޅުވިއެވެ.

މިއީ މި މައްސަލާގައި އަދީބު ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދިލެއްވި ފުރަތަމަ ފަހަރެވެ.

 

Leave a Reply

Your email address will not be published. Required fields are marked *