ދައުލަތުން އުފުލި ހަތް ދައުވާ އަށް އަދީބު އިއުތިރާފުވެއްޖެ

ހައިކޯޓުގައި ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި އަދީބު ---

އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ އަށްވެސް އެމަނިކުފާނު އިއުތިރާފުވެވަޑައިގެންފިއެވެ. މި މައްސަލައަކީ މީގެކުރިން ކްރިމިނަލް ކޯޓުން ބޭރުކޮށްލި ހަތް މައްސަލައެވެ.

އެހެންނަމަވެސް ކޯޓުން އެ މައްސަލަތައް ބޭރު ކޮށްލުމުން ދައުލަތުން ހައިކޯޓުގައި އެ މައްސަލަތައް އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ދަށު ކޯޓުން ކަނޑައަޅާފައިވަނީ އަސާސެއް ނެތް ބާތިލް އިޖުރާއަތްތަކެއްގެ މައްޗަށް ކަމަށް ބުނެ ހުކުމް ކޮށްފައެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ އަލުން އެ ހަތް ދައުވާ ބެލުމަށް ނިންމާފައެވެ.

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ އިއްވުމުން އަދީބަށް ޖަވާބުދާރީވުމަށް ފަނޑިޔާރު ދެއްވި ފުރުސަތުގައި އަދީބު ވަނީ ދައުލަތުން އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާ އަށްވެސް އިއުތުރާފުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީ އިން ގެއްލުނު ފައިސާ ހޯދުމަށް އޭނާގެ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.
އަދީބު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ވިދާޅުވީ ކުރީގެ ސަރުކާރުން އެމްއެމްޕީއާރްސީގެ ފައިސާ ހޯދުމުގައި ރަނގަޅު ނިޔަތެއް ގެންގުޅެފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަމުގައި ގެންގުޅެނީ ރަނގަޅު ނިޔަތެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްއެމްޕީއާރްސީ ފައިސާ ނުލިބޭ ސިޔާސީ އެއްވެސް ޕާޓީއެއް ނެތް ކަމަށް އަދީބު ވިދާޅުވިއެވެ. ހިޔާނާތުގެ ފައިސާ ރައީސް ޔާމީން ބޭނުން ކުރެއްވީ މުއައްސަސާތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ދައުލަތާއެކު ހެދި އެއްބަސްވުމާ އެއްގޮތަށް އަދީބު ދައުވާތަކަށް އިއުތިރާފުވުމުން، ގާޒީ މިއަދު މަސައްކަތް ކުރެއްވީ މިއަދު ދެ ފަރާތުން އިއުތިރާޒު ނުކުރާ ނަމަ، އަވަސް ނިޔާއިން މައްސަލަ ނިންމައި ހުކުމް ކުރާށެވެ. އެކަމަށް ދައުލަތުން އިއުތިރާޒެއް ނުކުރެއެވެ. ނަމަވެސް އަދީބުގެ ވަކީލުން ވަނީ ފަސް ދުވަސް ދެއްވުމަށް އެދިފައެވެ. އެއީ މިހާރު އެއްބަސްވުމުގައި އޮތް އަދަބަށްވުރެ ކުޑަ އަދަބެއް ލިބިދާނެތޯ މަޝްވަރާ ކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *