ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ ޝަފީގުގެ މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

އިމާރާތުން ސިމެންތި ބަސްތާ ވެއްޓުނު ވަގުތު ޖިއާން އެ ސަރަހައްދުގައި ---

މ. ނަލަހިޔާމަންޒިލްގެ މަތިން ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރައުޝަން ޖިއާން މަރުވި މައްސަލައިގައި އެ އިމާރާތް ހަދަމުން ދިޔަ ޑަބްލިއު ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ބޭރުކޮށްލައިފިއެވެ.

ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފް ކުރި މައްސަލައިގެ އަޑުއެހުންތައް ނިންމައި ހުކުމް އިއްވަމުން މައްސަލަ ބެއްލެވި ބެންޗުގެ އިސް ފަނޑިޔާރު ޝުއައިބް އަބުދުއްރަހުމާން ވިދާޅުވީ މި މައްސަލައަކީ މައުލޫއީ ގޮތުން ހައިކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ނޫން ކަަމަށް ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވާ ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އިސް ފަނޑިޔާރު ވިދާޅުވީ، ހައި ކޯޓުގައި އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ދައުލަތުން ފާހަގަކުރާ ނުކުތާއަކީ ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު ދައުލަތުން އެއްވެސް މިންވަރަކަށް ހަވާލާދީފައި ނުވާ ނުކުތާއެއް ކަމަށެވެ.

މި ގޮތުން ދަށު ކޯޓުގައި މައްސަލަ ހިނގަމުން ދިޔައިރު އެއްވެސް މިންވަރަކަށް ގާނޫނުލް އުގޫބާތުގެ 70 ވަނަ މާއްދާއަށް ދައުލަތުން ހަވާލާދީ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާއިރު އެ މައްސަލަ ކްރިމިނަލް ކޯޓުން ނިންމީ އެ މާއްދާއަށް ހިލާފަށް ކަމަށް ހުށަހެޅޭނެ ގޮތެއް ނޯންނާނެ ކަމަށް ބެންޗުން ފާހަގަކޮށްދެއްވިއެވެ.

ޖިއާންގެ މަރުގެ މައްސަލައިގައި އޭނާ މަރުވި ހާދިސާ ހިނގި ދުވަހު ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރަމުން ދިޔަ އިންޑިއާއަށް ނިސްބަތްވާ ހަތަރު ބިދޭސީން ކަމަށްވާ ރައްޖާވް އަލީ، މުތަމަނި ރަމަޗަންދުރަން، ކެޝަހިލަލް ޗައުހާން، ގުލާމް މުހައްމަދު އަދި ޑަބްލިއު ކޮންސްޓްރަކްޝަންގެ އެމްޑީ އާދަމް ޝަފީގަށާއި، އެ ކުންފުނީގެ ސީނިއާ ސައިޓު ސުޕަވައިޒަރު މޫސާ ހަސަންގެ މައްޗަށް ދައުވާ ކުރިއެވެ.

އޭގެ ތެރެއިން އެމްޑީ ޝަފީގު ފިޔަވައި އެހެން އެންމެންގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ވަނީ ހުކުމް ކޮށްފައެވެ. ޝަފީގުގެ މައްޗަށް އުފުލީ މީހަކު މަރުވެދިޔުމުގައި އިހުމާލުވުމުގެ ދައުވާއެވެ.

Leave a Reply

Your email address will not be published. Required fields are marked *