ކްރިކް ރިޒާއާ ސަން ސިޔާމުގެ ކުންފުނިން ޑޮލަރު މާރުކުރި ކަމަށް ދައްކަން މަސައްކަތްކުރި: ދައުލަތް

މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) އަދި ކުރީގެ ރައީސް ޔާމީން ---

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) އެމެރިކާ ޑޮލަރު ހޯދާ، އެފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުންޏަކާއި ކްރިކް ރިޒާގެ ބޭންކް އެކައުންޓުތަކުން ފުއްގިރި ކުއްޔަށް ދީގެން ލިބުނު ފައިސާ ޓްރާންސްފާ ކުރިއިރު، ޑޮލަރު މާރު ކުރުމުގެ މުއާމަލާތްތަކެއް ހިންގި ކަމަށް ދެއްކުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.

މި މައްސަލާގައި ކުރިކީލަ ރިޒާގެ މައްޗަށާއި ސަން ސިޔާމްގެ ކުންފުނިތަކުގެ މައްޗަށް ދައުވާ ކޮށްފައިވެއެވެ. އަދި މިއަދު ވަނީ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައެވެ. ދައުވާ އިއްވަމުން ދައުލަތުން ބުނެފައި ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ޓޫރިސްޓް ރިޒޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކުރިކީލަހިޔާ، އަޙްމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1,117,000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑްއާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާ ކުރުމަށްޓަކައި ފަށަލަ ކޮށްފައިވާ ކަމަށެވެ.

އެފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާ ކޮށްފައިވަނީ ސަން ސިޔާމްގެ ކުންފުންޏެއް ކަމަށް ސަން އިންވެސްޓުމަންޓު ޕްރައިވެޓު ލިމިޓެޑުން ކަމަށާއި އެ ފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރުމުގެ ކުރިން ޑޮލަރު މާރު ކުރިކަމުގެ މުއާމަލާތްތަކެއް ދެއްކުމަށް ކްރިކް ރިޒާ އަދި ސަން ސިޔާމްގެ ކުންފުނިތަކުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެގޮތުން ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަކުން 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) ޑޮލަރު ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ސިޔާމުގެ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި އަދި އެ އެކައުންޓުން ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުންޏަށް ޖަމާކުރި ކަމަށް ދައުލަތުން ބުންޏެވެ.

ކުރިކީލަ ރިޒާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރިޝްވަތު ދިނުމުގައި މެދިވެރިއަކަށްވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން ކުށުގެ ދައުވާއެވެ. ސަން ސިޔާމްގެ ދެ ކުންފުންޏަށް ދައުވާ ކޮށްފައިވަނީ މަނީ ލޯންޑަރިންގެ ދައުވާއެވެ. މައްސަލައިގެ އަޑުއެހުން ނިންމާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ ސަން ސިޔާމްގެ ކުންފުންޏަށް ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ކްރިކް ރިޒާ އަށްވެސް ވަނީ ވަކީލަކު އައްޔަން ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު މި ދެ ދައުވާގެ އަޑުއެހުމެއްް ބޭއްވޭނެ ކަމަށް ވިދާޅުވެ ގާޒީ ވަނީ ދެ ދައުވާއަށް ރަނގަޅަށް ޖަވާބުދާރީވުމަށް ތައްޔާރުވެ ވަޑައިގެންނެވުމަށް ކްރިކް ރިޒާގެ ކިބައިން އެދިވަޑައިގެންފައެވެ.

މި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 510ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.

Leave a Reply

Your email address will not be published. Required fields are marked *