އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ވީޑިއޯ ކޮންފަރެންސްކޮށް ބައިވެރިވަނީ

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރާއެކު ޕީޖީ ޝަމީމް ބޭއްވި ބައްދަލުވުމުގެ ތެރެއިން ---

މެޖިސްޓްރޭޓު ކޯޓުތަކުގައާ ދަށު ކޯޓުތަކުގައި ބާއްވާ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައިވެރިވުމަށް ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިފަދައިން ވިދާޅުވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢާއިޝަތު ރިޒްނާއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ޕީޖީ އޮފީހުން ބުނީ މިއަދުގެ ބައްދަލުވުމުގައި ޝަމީމް އެކަމަނާ އަށް ހުށަހެޅުންތަކެއް ހުށަހެޅުއްވި ކަމަށެވެ.

ފުރަތަމަ ކަމަކީ، މިއަހަރުގެ ނޮވެންބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން، މެޖިސްޓްރޭޓް ކޯޓުތަކާއި، ދަށު ކޯޓުތަކުގެ އިބްތިދާއީ އަޑުއެހުންތަކުގައި ދައުލަތުގެ ފަރާތުން ބައިވެރިވާނީ ހަމައެކަނި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމެވެ.

މިކަމުގެ ސަބަބުން އަތޮޅުތެރޭގެ މެޖިސްޓްރޭޓް ކޯޓްތަކަށް ކުރާ ދަތުރުތަކާއި، އެހެނިހެން ހަރަދުގެ ބޮޑު ބައެއް ސަލާމަތް ކުރެވޭނެ ކަމަށާއި އަދި ވަގުތުވެސް ސަލާމަތް ކުރެވޭނެ ކަމަށް ޕީޖީ ޝަމީމު އެ ބައްދަލުވުމުގައި ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. މިދިޔަ އަހަރުވެސް ޕްރޮސިކިއުޓަރުން މެޖިސްޓްރޭޓް ކޯޓަކަށް ކުރި ދަތުރުތަކަށް 3.2 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށާއި އެގޮތަށް އިންތިޒާމް ހަމަޖެހުމުން އެ ހަރަދުގެ ބޮޑުބައެއް ސަލާމަތް ކުރެވޭ ކަމަށް ވެސް ޝަމީމް ފާހަގަކުރެއްވި ކަމަށް ޕީޖީ އިން ބުންޏެވެ.

ދެވަނަ ކަމަކަށް ޕީޖީ ޝަމީމު ހުށަހެޅުއްވީ 2021 ވަނަ އަހަރުން ފެށިގެން ޝަރުޢީ ކޯޓުތަކަށް ހުށަހަޅާ ޖިނާއީ މައްސަލަތައް ހުށަހަޅާނީ އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށާއި، މިކަމާ ގުޅިގެން ކޯޓުތަކުން ހަމަޖައްސަވަންޖެހޭ އިންތިޒާމްތައް ހަމަޖެއްސެވުން އެދޭ ކަމަށެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ރިޒުނާ ހަމަޖެއްސެވީ މިދިޔަ އާދީއްތަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *