ނުފޫޒުން ޝިޕިން ގަވާއިދު އުވާލި ކަމަށްބުނެ ނަހުލާގެ މައްސަލައެއް އޭސީސީއަށް

މިނިސްޓަރު ނަހުލާ މަޖިލީހުގެ ކޮމިޓީގައި/ ފޮޓޯ- މަޖިލިސް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

ހަތްދިހަ މީހުންގެ ސޮއިއާއެކު ރޭގެ ވަގުތެއްގައި އޭސީސީ އަށް ހުށަހެޅި މި މައްސަލައަކީ ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ހެދި ގަވާއިދު ބޯޑަށް ހުށަނާޅައި އުވާލުމާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

އެމައްސަލަ ހުށަހަޅާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޝިޕިން އެޖެންސީތައް ރެގިޔުލޭޓު ކުުރުމަށްޓަކާ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އިން 16 ޖުލައި 2020 ވަނަ ދުވަހު ގެޒެޓުކުރި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު ތަންފީޒު ކުރުމަށް މިނިސްޓްރީ އިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އަދި އެ ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނުގެ 14 ވަނަ މާއްދާގައި އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި ގަވައިދުތައް ހެދުމަކީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ކަމަށް ބަޔާން ކޮށްފައިވާއިރު ޓްރާންސްޕޯޓު އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީ އިން ހަދަންޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލް ކުރުމަކީ އެ އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއް ކަމަށް އޭސީސީ އަށް ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވެއެވެ.

ރާއްޖޭގައި ހިންގަމުންދާ ޝިޕިން އެޖެންސީތައް ރެގިއުލޭޓް ކުރުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީން 16 ޖުލައި ގައި ޝާއިޣު ކުރި އުވާލާފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ އެ ގަވާއިދު އުވާލަން ނިންމީ އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން، ޤަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައިވާތީ އާއި އަދި މިޤަވާއިދުގައި ބައިނަލްއަޤުވާމީ މިންގަޑުތަކާއި ތަޢާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

އަދި ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިންގ އޭޖެންޓުކަން ކުރަންވާނީވެސް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީއިން ޝިޕިން އެޖެންޓުކަން ކުރުމަށް ޝިޕިން އޭޖެންޓުންނަށް ދޫކުރާ ލައިސަންސެއް އޮވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *