ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ކްރިމިނަލް ކޯޓު: ފޮޓޯ / ރާއްޖެ އެމްވީ

ކްރިމިނަލް ކޯޓުގެ އިސްގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.

ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ އެ މަގާމަކީ މިވަގުތު ކްރިމިނަލް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.

ޖޭއެސްސީ އިން ބުނީ އެ މަގާމަށް ހަމަޖައްސާ ބޭފުޅަކަށް މުސާރައިގެ ގޮތުގައި 31،000 ރުފިޔާ ލިބިގެންދާނެއެވެ. އަދި ލިވިން އެލެވަންސްގެ ގޮތުގައި 15،000 ރުފިޔާ ލިބިގެންދާނެއެވެ. ރިސްކް އެލެވަންސެއްގެ ގޮތުގައި 3،300 ރުފިޔާ ލިބިގެންދާނެއެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތީން މެޑިކަލް އެލަވަންސް ވެސް ލިބިގެން ދާނެއެވެ. ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން ފޯނު އެލަވަންސްވެސް ލިބޭނެ ކަމަށާއި މި މަގާމަށް ކުރިމަތިލާ ފަރާތަކީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށް ވާންވާނެ ކަމަށް ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 6ވަނަ ދުވަހުގެ 13:00އެވެ. ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ކޯޓުތަކަށް އިސް ފަނޑިޔާރުން އައްޔަނުކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ކަމަށް ޖޭއެސްސީން ބުންޏެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީއަކަށް މީގެކުރިން ހުންނެވީ އަހުމަދު ހައިލަމްއެވެ. ނަމަވެސް ނަސްރުގެ ދުވަހު ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުވި މެސެޖަކާއި ގުޅިގެން ހައިލަމްގެ ސުލޫކީ މައްސަލައެއް ބަލާ އޭނާ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމިއެވެ. އަދި އޭގެކުރިން ހައިލަމް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ހައިލަމް މަގާމުން އިސްތިއުފާ ދެއްވުމުން ވަގުތީ ގޮތުން އެކޯޓު ހިންގެވުމާއި ހަވާލުކުރެއްވީ ގާޒީ އަލީ ރަޝީދަށެވެ. ނަމަވެސް އެމަނިކުފާނުވެސް މިހާރު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ. އެހެންކަމުން މިހާރު ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވީ ގާޒީ އާދަމް މުހައްމަދުއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.