މެންބަރު ޔާސިރު، ވިދާޅުވީ އެމްޑީޕީ އާއެކު މުޅި އުތުރު ދެމިގަންނާނެ ކަމަށް

ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު ---

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އާއެކު މުޅި އުތުރު ދެމިގަންނާނެ ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އަށް ފާޑު ވިދާޅުވެ ޔާސިރު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުތުރުގެ ރައްޔިތުންގެ އަތްމަތި ތިޔާގިވެ، ހަމަ އިސްކޮޅަށް އުތުރުގެ ރައްޔިތުން ތެދުވާނެތީ އޮބި ތަންޑު އަޅައިގެން އުޅޭތާ ލައްކަ ދުވަސްވެއްޖެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން އުޅެނީ އެކަމުގައި "ހޭބޯ" ނާރާ ކަމަށް ޔާސިރު ވިދާޅުވިއެވެ.

"ވަރަށް ސޮރީ. އެމްޑީޕީ ބާރުތައް ދޫކުރާނެ. އަތޮޅުތެރެ ދިރުވާނެ. އެމްޑީޕީ އާއެކު މުޅި އުތުރު ދެމިގެންދާނެ،" އިންޑިއާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނުގެ މުދަލާ އެކު ކުޅުދުއްފުށި ސިޓީއަށް ބަނދަރު ކުރުމުގެ އުފަލުގައި ޔާސިރު ވިދާޅުވިއެވެ.

އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރީ ފަސް ދުވަހުގެ ދިގު ދަތުރަކަށްފަހުއެވެ. މިދިޔަ ހޯމަ ދުވަހު ކޮޗިން އިން ފުރި ފެރީ ކުޅުދުއްފުށްޓަށް ބަނދަރު ކުރެވުނީ އިއްޔެ ހެނދުނު 6:30 ހާއިރުއެވެ.

ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ގިނައިން ހިމެނެނީ ސިމެންތިއެވެ. ނަމަވެސް ކާބޯ ތަކެތިވެސް ހިމެނެއެވެ. އެތަކެތި ކުޅުދުއްފުއްޓަށް ބާލާނީ، އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދުތައް ބޯޓު ކައިރިއަށް ގޮސްގެންނެވެ.

ކުޅުދުއްފުށީ ޕޯޓަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން ވެސް 1000 ޓަނުގެ ބޯޓަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކާގޯ ހިދުމަތުގައި މިވަގުތު ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *