ފަތުރުވެރިކަމުން ހަގީގީ ނަފާ ލިބޭނީ ބޮޑެތި މުސާރަ ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން: މިނިސްޓަރު

ޓޫރިޒަމް މިނިސްޓަރު މައުސޫމް ހަފްލާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ޓޫރިޒަމް މިނިސްޓްރީ

ފަތުރުވެރިކަމުގެ ސިނާއަތުން ހަގީގީ ނަފާ ލިބިގެން ދާނީ އެ ސިނާއަތުގެ ބޮޑެތި މުސާރަ ލިބޭ މަގާމުތައް ލިބޭ ވަޒީފާތައް ދިވެހިންނަށް ލިބިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ކުރިއަށްގެންދާ "މޯލްޑިވްސް ބޯޑަރ މައިލްސް" ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށްދެއްވައި ވާހަކަފުޅު ދައްކަަވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ ޝިއާރު ކަމަށްވާ "ޓޫރިޒަމް އެންޑް ރޫރަލް ޑިވޮލޮޕްމަންޓް" ނުވަތަ ފަތުރުވެރިކަމާއި ރަށްފުށުގެ ތަރައްގީ ޝިއާރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސިޔާސަތާއި ވަރަށް ގުޅުންހުރި ޝިއާރެއް ކަމަށެވެ.

"ފަތުރުވެރިކަމުގެ މަންފާ ރައްޔިތުންނަށް އެންމެ ބޮޑަށް ލިބިގެންދާނީ ގިނަ ދިވެހިން ފަތުރުވެރިކަމުގެ ވެރިންނަށް ވެގެން. ރަށްރަށުގެ ކުދި ހޮޓާތަކާއި ގެސްޓް ހައުސްތައް އަދި ރާއްޖޭގެ އެހެން ޓޫރިސްޓް ޚިދުމަތްދޭ ތަންތަން ފައިދާއެއް ލިބޭގޮތަށް ހިންގައިގަނެގެން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ތިންމަސް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށްފަހު އަލުން ބޯޑަރު ހުޅުވާލަން ރައީސް ސޯލިހު ނިންމެވި ނިންމެވުމަކީ ވަރަށް މުހިއްމު ނިންމެވުމަށް ކަމަށެވެ. ކޮވިޑްގެ ސަބަބުން ފަތުރުވެރިކަން ހުއްޓިފައި އޮތުމަށްފަހު އަލުން ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވާ އިގްތިސޯދު ފުޅާ ކުރުމަށް ކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އަންނަ އަހަރު ދިވެހިން ކުރިމަތިލާނީ ކުރިއެރުންތަކަކާއި އެކު ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *