ޒިކުރާ މިސްކިތް ހަވާލުކޮށްފައި އޮތީ މާލިއްޔަތު ގަވާއިދާ އެއްގޮތަށް: އެސްޖޭގެ ވަކީލުން

ޒިކުރާ މިސްކިތް --

ދައުލަތަށް އެއްވެސް ފައިދާއެއް ނުވާ ގޮތަށް ޒިކުރާ މިސްކިތް ހެދުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުގެ ކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޑރ. އަހުމަދު ޒިޔާދު ހަވާލު ކުރައްވާފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަމަށް އެސްޖޭގެ ވަކީލުން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން އެޑްވޮކަސީ ޗެމްބާސް އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޒިކުރާ މިސްކިތް އިމާރާތް ކުރުމަށް އޭރުގެ އިސްލާމިކް މިނިސްޓްރީން އެސްޖޭ ކޮންސްޓްރަކްޝަން އާއި ހަވާލު ކުރުމުގެ މަރުހަލާފައި ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް އެސްޖޭ ކޮންސްޓްރަކްޝަން އިން ކޮށްފައިވާކަން ފާހަގަވެފައި ނުވާ ކަމަށެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަން އަށް 2018ވަނަ އަހަރުގެ ޖުލައި މަހުގެ 9ވަނަ ދުވަހު ހަވާލު ކޮށްފައި ވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ކަމަށް ބަޔާނުގައިވެއެވެ. އަދި މާލިއްޔަތު ގަވާއިދުގައި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތު ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލް ޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ޙަވާލުކޮށްގެން އެމަޝްރޫއު ހިންގި ދާނެ ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން އެ ޕްރޮޖެކްޓް ޙަވާލުވުމުގެ ކުރިން، އިސްލާމިކް މިނިސްޓްރީގެ ފަރާތުން ހޯދަންޖެހޭ ހުއްދަތައް
ހޯދާފައިވޭތޯ ބެލި ބެލުމުން ބިޑް ކުރުމަކާ ނުލައި ޕްރޮޖެކްޓް އެވޯޑް ކުރުމުގެ ގޮތުން، މިނިސްޓްރީގެ ފަރާތުން 2018ވަނަ އަހަރުގެ މާޗު މަހުގެ 15ވަނަ ދުވަހު
މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ ހުއްދަ ހޯދުމަށް ރައީސް އޮފީހުގައި ދަންނަވާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ރައީސް އޮފީހުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމުގެ ގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާފައިވާ ކަމަށާއި އަދި އެކަން ދިރާސާ ކުރުމަށްފަހު ފިނޭންސް އިން ވެސް އަންގާފައި ވަނީ ދައުލަތަށް ގެއްލުން ނުވާ ގޮތެއްގެ މަތިން އަދި ބަޖެޓަށް ބޮޑު ނުވާ ގޮތަށް ޕްރޮޕޯސަލް ހުށަހަޅާފައި ވަނީ އެސްޖޭ އިން ކަމަށް ބަޔާން ކޮށްފައިވާ ކަމަށް އެޑްވޮކަސީ ޗެމްބާސްގެ ބަޔާނުގައިވެއެވެ.

މީގެއިތުރުން އެ ކުންފުންޏަކީ ހައުސިން މިނިސްޓްރީން ކެޓަގަރައިޒް ކޮށްފައިވާ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ތެރެއިން އަންލިމިޓެޑްކޮށް ބިޑު ކުރެވޭ ގޮތަށް ކެޓަގަރައިޒް ކޮށްފައިވާ ކުންފުންޏެއް ކަމަށާއި އަދި 2016 އިން 2017 އަށް 200 މިލިއަން ރުފިޔާގެ އަގުހުރި މަސައްކަތް އެ ކުންފުނިން ކޮށްފައިވާ ކަމަށް ފިނޭންސްގެ ރިޕޯޓުގައި ބުނެފައިވާ ކަމަށް ބަޔާނުގައިވެއެވެ.

ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިންގެ ލޯ ފާމުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ 2018ވަނަ އަހަރުގެ މެއި މަހުގެ 31ވަނަ ދުވަހު ބޭއްވި އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ބައްދަލުވުމުގައި ޒިކުރާ މިސްކިތުގެ މަޝްރޫއު އެސްޖޭއަށް ހަވާލު ކުރުމަށް ނިންމާފައިވާ ކަން އެ އަހަރުގެ ޖޫން މަހުގެ ތިންވަނަ ދުވަހު ރައީސް އޮފީހުން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާ ކަމަށް ތުހުމަތުކޮށް، ޑރ. ޒިޔާދުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

Leave a Reply

Your email address will not be published. Required fields are marked *