ދެމެހެއްޓެނެވި ސިނާއަތަކަށް ފަތުރުވެރިކަން ހެދީ މުވައްޒަފުންނާއި ކުންފުނިތަކުން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ: ފޮޓޯ / ރައީސް އޮފީސް

ފަތުރުވެރިކަމަކީ ދެމެހެއްޓެނެވި ސިނާއަތަކަށް ހެދީ އެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ކުންފުނިތަކުން ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ރައީސް ކުރެއްވި ޓްވީޓެއްގައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކަށާއި މުވައްޒަފުންނަށް ތަހުނިޔާ ދަންނަވާފައެވެ. އަދި ވިދާޅުވީ އެ ސިނާއަތަކީ ދެމެހެއްޓެނެވި ސިނާއަތަކަށް ހަދާފައި ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި މުވައްޒަފުން ކަމަށެވެ.

ކޮވިޑް19 ގެ ނުރައްކަލުން އަރައިގަތުމަށް ރާއްޖެއިން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިހާލަތުގައިވެސް ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ، މިއަހަރުގެ ޝިއާރަކީ ފަތުރުވެރިކަމާއި ރަށްފުށުގެ ތަރައްގީއެވެ. މިއަހަރު ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަން ޖެހިފައި މިވަނީ ނުރައްކާތެރި ކޮވިޑް19 އިން ގައުމުތައް ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ދުވަސްވަރެއްގައެވެ. 21ވަނަ ގަރުނުގައި އެންމެ ކުރި އަރަމުން އަންނަ އެއް ސިނާއަތް ފަތުރުވެރިކަމަށް މި ނުރައްކާތެރި ބަލީގެ ސަބަބުން ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

އެގޮތުން އެ ސިނާއަތަކަށް އެންމެ ބޮޑަށް ބަރޯސާވާ އެއް ގައުމަކަށް މިކުޑަ ކުޑަ ދިވެހިރާއްޖެ ވެގެންދާނެއެވެ. ނަމަވެސް ކޮވިޑްގެ ސަބަބުން ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހަށް ބަންދު ކުރަން ޖެހުނެވެ. އަލުން ބޯޑަރު ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. ފާއިތުވި ތިންމަސް ތެރޭގައި ރާއްޖެ ޒިޔާރަތް ކޮށްފައިވަނީ 16،000 އަށްވުރެ ގިނަ ފަތުރުވެރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *