ވަކީލަށް ނާންގާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރި އަމުރެއް ބާތިލްކޮށްފި

ހައި ކޯޓް-

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު ޖެހިއިރު އޭނާގެ ވަކީލަށް ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކްރިމިނަލް ކޯޓުން ނެރުނު ބަންދުގެ އަމުރަށް ބަދަލު ގެންނަން ޖެހޭ ކަމަށް ނިންމައިފިއެވެ.

މި މައްސަލައަކީ ގއ.ވިލިނގިލި، ނައިންފްލާވާ އީމާން މުހައްމަދު ނަމަކަށް ކިޔާ މީހެއް މަނާކުރެވިފައިވާ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދުގެ މުއްދަތު ޖަހާފައި ވަނީ ގާނޫނު އަސާސީގެ 48ވަނަ މާއްދާ އާއި 53 ވަނަ މާއްދާގެ
(ހ) އާ ހިލާފަށް ކަމަށްބުނެ ދައުލަތާއި ދެކޮޅަށް ހައިކޯޓުގައި އީމާން މުހައްމަދުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާ މައްސަލައެކެވެ.

ހައިކޯޓުގެ ހުކުމްގައި ބުނެފައިވަނީ ގާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ ހައްގަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ހައްގެއް ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންނަށް ގާނޫނުއަސާސީގެ 14 ވަނަ މާއްދާއިން ލިބިފައިވާ ހައްގުތަކުގެ ތެރޭގައި، އެ މާއްދާގެ (ށ) ގައި، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިގެންވާކަން އެމީހަކަށް އަންގަން ވާނެ ކަމަށާއި، އަދި ލަސްކުރުމެއްނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި އެމީހަކު އެ ހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް
ފަހިކޮށްދޭން ވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ހުކުމްގައިވެއެވެ.

ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހަކަށް ލިބި އޮންނަ ހައްގުތަކުގެ ތެރޭގައި ހިމެނިގެންވާ، އެމީހަކު ހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށް އޮންނަ އޮތުމަށް ރިއާޔަތްކުރުމުން، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވިފައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިން މުމަށްޓަކައި އެމީހަކު ކޯޓަށް ޙާޟިރުކުރުމުގެ ކުރިން އެމީހަކު ޙާޟިރުކުރުމަށް ހަމަޖެހިފައިވާ ތަނާއި، ގަޑިފަދަ އެންމެހާ މަޢުލޫމާތެއް އެމީހެއްގެ ގާނޫނީ ވަކީލަކަށް އެންގުމަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޒިންމާއެއްގެ ގޮތުގައި އޮންނަން ޖެހޭނެ ކަމެއް ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެއެވެ.

"އެހެނީ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހުން ބަންދުގެ މުއްދަތަށް ޙާޟިރުކުރުމުގެ އެންމެހާ ކަންތައްތައް ހަމަޖައްސަނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ކަމަށްވެފައި ކުށުގެ ތުހުމަތުގައި ބަންދުގައި ހުންނަ މީހަކަށް އެމީހަކު ޝަރީއަތަށް ޙާޟިރުކުރުމުގެ ކުރިން، އެކަން އެމީހަކު އައްޔަންކޮށްފައިވާ ގާނޫނީ ވަކީލަކަށް އެމީހަކަށް އަމިއްލައަށް އެންގޭނެ ފުރުސަތެއް ނޯންނާނެތީއެވެ. އަދި މިއީ މިފަދަ ގިނަ މައްސަލަތަކުގައި މިހާތަނަށް ފުލުހުންގެ ފަރާތުންވެސް އަމަލު ކުރަމުން އައިސްފައިވާ ގޮތްކަން ފުލުހުންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ." ހުކުމްގައިވެއެވެ.

އެހެންކަމުން ހައިކޯޓުން ވަނީ މި މައްސަލަ އިސްތިއުނާފު ކޮށްފައިވާ އީމާން މުހައްމަދުގެ ބަންދުގެ މުއްދަތު މި މަހުގެ 15ވަނަ ދުވަހު އިތުރު ކޮށްފައިވަނީ އީމާން މުޙައްމަދުގެ ވަކީލަށް އީމާން މުޙައްމަދު ބަންދުގެ މުއްދަތުގެ މަޖިލީހަށް ޙާޟިރުކުރެވޭކަމާއި ޙާޟިރުކުރެވޭ ތަން އަދި ގަޑި އެންގިފައި ނުވާކަން ދައުލަތުގެ ފަރާތުން އެކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ކަމަށް މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *