ކުށްކުރާ މީހުންނާއި އެއްވަރަށް ކުށް ކުރުވާ މީހުންވެސް ޒިންމާވާން ޖެހޭ: ޝަމީމް

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަނީ ---

ކުށް ކުރާ މީހުންނާއި އެއްވަރަކަށް ކުށް ކުރުވާ މީހުންވެސް ޒިންމާވާން ޖެހޭ ކަމަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ ޒިކުރާ މިސްކިތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ އުފުލުމަށްފަހު މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެންނެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުށް ކުރާ މީހުންނާއި، ކުށް ކުރުވާ މީހުންނާ. މިދެބައިވެސް ހަމައަކަށް އަޅުވާންޖެހޭ ކަމަށެވެ. އަދި ކުށްކުރާ މީހުންނާއި ކުށް ކުރުވާ މީހުން އެއްވަރަކަށް ޒިންމާވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ކުރީގެ ބައެއް ވިސްނުން މިހާރު މިއުޅެނީ ދޫކޮށްލަން. މިކަހަލަ ކަންކަން ކޮށްފަ ސަލާމަތެއް ނުވެވޭނެ. އިރާދަކުރެއްވިއްޔާ، އެންމެން ގުޅިގެން ނަތީޖާ ނެރެވޭނެ." ޕީޖީ ޝަމީމްގެ ޓްވީޓުގައި ވިދާޅުވިއެވެ.

ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ ކުރީގެ މިނިސްޓަރު ޑރ. ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުރިއިރު، ޒިކުރާ މިސްކިތް
ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން އިން ހުށަހެޅި ޕްރޮޕޯސަލްއާ ހިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށް އެއްބަސްވުން ގާއިމު ކޮށްފައިވާތީ އެ އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަން އަށް އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައި ވާތީ، ޑރ. ޒިޔާދުގެ މައްޗަށް ދިވެހިރާއްޖޭގެ
ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުިން ބުނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސްޖޭ އެ މަސައްކަތް ހަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ގޮތް ކަމަށް ބަޔާންކޮށް އެސްޖޭ ކޮންސްޓްރަކްޝަން އަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، މުޙައްމަދީ އާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ. އެކުށުގެ އަދަބަކީ އެއް އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގެ މުއާމަލާތާ ގުޅިގެން، އެ މުއާމަލާތުގެ އެކި މަރުހަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވާސީސް ޕީޓީއޭ އާއި އެކުންފުނީގެ
ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުއްވުމަށް އޭސީސީއަށް ލަފާދީފައިވާ ކަމަށެވެ.

އަދި، އެ މައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައި ނުވާ މައުލޫމާތުތަކެއް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ އެކަން ވެފައިވާ ގޮތް އިތުރަށް ތަހުގީގުކޮށް، އެކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ހުށަހެޅުއްވުމަށް ވެސް އޭސީސީއަށް ލަފާދީފައިވާ ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ނިންމާ މައްސަލާގައި ޝާމިލުވާ ފަރާތްތަކުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީގެ ފަރާތުން ޕީޖީ އަށް މައްސަލަ ފޮނުވާފައި ވަނީ މި މަހުގެ 17ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *